24 އޮކްޓޯބަރ 2016 - 09:01

މެޑްރިޑް (އޮކްޓޯބަރު 24) - ސްޕެނިޝް ލީގުގައި ރޭ 2-1 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މެޗުތަކަށް ރެއާލާއި އެތުލެޓިކޯ މެޑްރިޑް ނުކުތްއިރު ލީގުގެ އެއް ވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ ވެލެންސިއާ އަތުން މޮޅުވި ބާސެލޯނާ އެވެ. ރެއާލް އެއް ވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ އެތުލެޓިކޯ އަތުން 1-0 އިން މޮޅުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް ވަނީ ނުވަ މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އާއި ހަތަރު ވަނައިގައި އޮތް ވިޔަރެއާލަށް ނުވަ މެޗުން ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. ރޭގެ ބައްޔާ އެކު އެތުލެޓިކޯ ވަނީ ފަސް ވަނަ އަށް ވެއްްޓިފަ އެވެ. އެ ޓީމަށް ނުވަ މެޗުން ލިބުނީ 18 ޕޮއިންޓެވެ.
ރޭގެ މެޗުގެ ހަތް ވަނަ މިނިޓްގައި ރެއާލަށް ލީޑު ނަގައިދިނީ ކަރިމް ބެންޒެމާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބިލްބާއޯ އަށް އެއްވަރުކޮށްދިނީ ސަބިން މެރީނޯ އެވެ. މި މެޗުގައި ވެސް ރެއާލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
ރެއާލް މޮޅުކޮށްދިނީ މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް އަލްވާރޯ މޮރާޓާ އެވެ. މޮރާޓާ ކުޅެން އެރުވީ މެޗުގެ ފަހު 15 މިނިޓަށެވެ.
ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިއީ ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ފަހަރު ކަމަށެވެ.
"ލީގު ފަށައިގެން އަދި ނުވަ މެޗު ނިމުނުއިރު މިހާ ވާދަވެރިކޮށް އޮތްއިރު ލީގުގެ ފަހު މެޗާ ހަމައަށްދާއިރު ކިހާ ވާދަވެރިވާނެ. ކޮންމެ މެޗެއް ވެސް އެހާ މުހިއްމުވާނެ. ކޮންމެ ތިން ޕޮއިންޓަކީ ވެސް ހިތްވަރެއް،" ޒިދާން ބުންޏެވެ.