ހީވޭ އަންނަނީހެން: ފިލްމުގެ މަންޒަރުތަކާ އެކު
ހީވޭ އަންނަނީހެން: ފިލްމުގެ މަންޒަރުތަކާ އެކު

މިހާރު ސިނަމާގައި އޮތް ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ބިރުވެރިކަމުގައި އެތައް ބަޔަކު ވަނީ ޖައްސައިފަ އެވެ. ފިލްމުގެ ހައުސްފުލް ޝޯތަކެއް އޮތީ ކުރިއަށެވެ.

މި ފިލްމު ސިނަމާ އަށް އައުމުގެ ކުރިން ފިލްމުގެ މާ ގިނަ މަންޒަރުތަކެއް ބެލުންތެރިންނަށް ފެންނަ ގޮތެއް ނުވި އެވެ. އަދި މިހާރު ސިނަމާ އަށް ގޮސް ބަލާލައިގެން ނޫނީ އަދިވެސް "4426" އަކީ ކޯޗެއް ކަމެއް ނޭނގޭނެ އެވެ.

އެކަމު ފިލްމުގެ ތަންކޮޅެއް ގިނަ މަންޒަރުތަކެއް ބަލައިލަމާ ހިނގާށެވެ. މި މަންޒަރުތައް ބަލާލާނީ ފިލްމަށް ޑރ. އަހުމަދު ޝަމްރާހް ކިޔައި ދިން ނާމާން ރާގުގެ ލަވަ "ހީވޭ އަންނަނީހެން" އާ އެކުގަ އެވެ.

މުޅި ލަވަ މިހާރު މި ވަނީ ފިލްމުގެ ބައެއް މަންޒަރުތަކާ އެކު ބެލުންތެރިންނަށް ދޫކޮށްލައިފަ އެވެ.

"ހީވޭ އަންނަނީހެން" ލަވައަކީ ފިލްމުގެ ޕްރޮމޯޝަނަލް ލަވަ އެވެ. މީގެ މިއުޒިކް ހަދާފައި ވަނީ އެމްއެންޑީއެފްގެ ލާންސް ސާޖަންޓް ފަތުހުﷲ ޝަކީލް ހުސައިނެވެ. ލަވައިގެ ޅެން ހަދައިފައި ވަނީ މައުސޫމް ޝާކިރެވެ.

"4426" ޝޯތަކެއް ކާމިޔާބުކަމާ އެކު ދައްކަމުން އަންނަ އިރު، މިހާރު ހަމަޖެހިފައި އޮތް ގޮތުން ފިލްމުގެ 29 ޝޯ އޮލިމްޕަހުގައި ދައްކާނެ އެވެ. ނަހުލާގެ އަމާޒަކީ 50 އަށް ވުރެ ގިނަ ޝޯ އޮލިމްޕަހުގައި ދެއްކުމެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން ރިސޯޯޓްތަކުގައި ވެސް ފިލްމް އަޅުވަން ފަށާނެ އެވެ. ކްރިސްޓަލް އެންޓަޓައިންމަންޓުން ބުނީ ޝައުގުވެރިވާ ރިސޯޓްތަކުން އެދުމުން ފިލްމް އަޅުވައި ދިނުމުގެ ކަންކަން ހަމަޖައްސައި ދޭނެ ކަމަށެވެ.

އަދި އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ފިލްމް ދައްކަން ފަށާނެ އެވެ.