30 ޖުލައި 2020 - 10:27

މެންޗެސްޓާ (ޖުލައި 30) – ސްޕެއިނުގެ ވެލެންސިއާގެ ވިންގާ ފެރާން ޓޮރޭސް 27 މިލިއަން ޔޫރޯ އަށް ގަންނަން އިންގްލެންޑުގެ މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސިޓީން އޭނާ ގެންނަނީ ޖަރުމަނުގެ ބަޔާން މިއުނިކަށް ވިއްކާލީ ލެރޯއީ ސާނޭގެ ބަދަލުގަ އެވެ. އޭނާ ދޫކޮށްލީ ކޮންޓްރެކްޓް އާކުރަން އެއްބަސްނުވުމުންނެވެ.
އުމުރުން 20 އަހަރުގެ ޓޮރޭސް އަކީ ވެލެންސިއާގެ ޔޫތު އެކަޑަމީގެ އުފެއްދުމެކެވެ. ސީނިއާ ޓީމާ 2017 ވަނަ އަހަރު ގުޅި އޭނާ ވަނީ މިހާތަނަށް 97 މެޗު ކުޅެދީފަ އެވެ. މިދިޔަ ނޮވެމްބަރު މަހު ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ލިލް ކޮޅަށް ގޯލް ޖަހައި އޭނާ ވަނީ އެ މުބާރާތުގައި ވެލެންސިއާ އަށް ލަނޑެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އަދި ނޮވެމްބަރު މަހު އެ ޓީމަށް ސްޕެނިޝް ލީގުގައި 50 މެޗު ހަމަކޮށް، އެ ޓީމަށް ލީގުގައި އެ އަދަދު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށް ވެސް ވި އެވެ.
ދުވެލި ބާރު، ހަލުވި އަދި އުފެއްދުންތެރިން މި ކުޅުންތެރިޔާގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެވެ. ވެލެންސިއާ އިން އެންމެ ފުރަތަމަ ކީ 45 މިލިއަން ޔޫރޯގެ އަގު ކުޑަކުރީ އެހެންވެ އެވެ. އެކަމަކު ސިޓީން 27 މިލިއަން ޔޫރޯގެ އިތުރުން، ބޯނަސްތަކެއް ވެސް ދޭން ޖެހެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސިޓީއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން އެއްބަސްވެފައިވާ ޓޮރޭސް ހުރީ ސިޓީގެ ކޯޗު ސްޕެއިނުގެ ޕެޕް ގާޑިއޯލާގެ ދަށުން މަސައްކަތްކުރަން ބޭނުންވެފަ އެވެ.