29 ޖުލައި 2020 - 23:10

ކޮވިޑް-19 އަށް މިއަދު އިތުރު 61 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އެޖެންސީން ބުނީ އިއްޔެ ހަވީރު 6 ން މިއަދު ހަވީރު 6 އާ އަލަށް 61 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 44 އެވެ. ދެން އުޅެނީ ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.
ބަލިން އަލަށް ހަތް މީހަކު ރަނގަޅުވެފައިވާއިރު، މިހާރު ކޮވިޑަށް ފަރުވާ ދެމުން އަންނަނީ 983 މީހުންނަށެވެ.
އަލަށް ބަލި ޖެހުނު މީހުންނާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3،567 އަށް މި ވަނީ އަރައިފަ އެވެ.
މާލޭގެ އިތުރުން، ހއ. ކެލާ، ނ. ރަންދެލި ރިސޯޓު، ސޮނެވާ ޖާނީ، ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. އޭދަފުށީ، ބ. ހިތަދޫ، ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ، ކ. މާފުށި އަދި އއ. ތޮއްޑޫއިން ކޮވިޑްގެ ބަލި މީހުން ފެނިފައި ވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅަށް ލުއި ދިން ފަހުން އިއްޔެއަކީ ރެކޯޑް އަދަދަކަށް ދިވެހިން އެ ބައްޔަށް ޕޮޒިޓިވްވި ދުވަހެކެވެ. އިއްޔެ 137 މީހަކު ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން ދިވެހިންގެ އަދަދަކީ 92 އެވެ.