29 ޖުލައި 2020 - 14:48

އެންމެ ހަލުވި ސްޕީޑުގައި އިންޓަނެޓް ފޯރުކޮށްދިނުމަށް ދިރާގުގެ ފައިބަ ބްރޯޑް ބޭންޑުގެ ހިދުމަތް ރ. މަޑުއްވަރީއަށް ތައާރަފު ކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަޑުއްވަރީއަށް މިހިދުމަތް ދޭން ފަށާފައި މިވަނީ ކުރިއަށްވުރެ ބޮޑަށް އިންޓަނެޓު ބޭނުން ކުރަން ޖެހިފައިވާ ދުވަސްވަރެއްގަ އެވެ. އޮންލައިންކޮށް ކްލާސްތައް ކުރިއަށްގެންދިއުމާއި ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރުމާއި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުން ބަދަހި ކުރުމަށް މި ދުވަސްވަރު ހައި ސްޕީޑު އިންޓެނެޓް ބޭނުންވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ހިދުމަތް ތައާރަފްކުރީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތައް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވެންސް ހިމެނޭ ޕެކޭޖު މި ހިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ސީނިއާ މެނޭޖަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތާނގައި އިތުރު ރަށްތަކަށް ވެސް މި ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. އެގޮތުން، ދިރާގުން ފޯރުކޮށްދޭ މި ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ.
މީގެ އިތުރުން ދިރާގު ފައިބަ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ 61 ރަށެއްގެ 75 ޕަސެންޓު ގޭބިސީތަކަށް އެ ކުންފުނިން އަންނަނީ މި ހިދުމަތް ދެމުންނެވެ.