29 ޖުލައި 2020 - 13:30

މައްކާ (ޖުލައި 29) - ކޮރޯނާވައިރަސް ފެތުރޭތީ މަދު ބަޔަކަށް ފުރުސަތު ދީގެން މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދަން ސައުދީ އަރަބިއާ އިން ނިންމާފައި ވަނިކޮށް، ގަވާއިދާޚިލާފަށް ހަރަމްފުޅަށް ވަދެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން އުޅުނު 244 މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ސައުދީ ރަސްމީ ނޫސް އެޖެންސީން ބުނީ ބަލިމަޑުކަމެއްގެ ތެރޭގައި ވަނިކޮށް، އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވި މީހުންނަށް އަދަބު ދޭނެ ކަމަށެވެ. ހައްޖު ހުއްދަ ނެތި މައްކާގެ މުގައްދަސް އެއްވެސް ތަނަކަށް މި ދުވަސްވަރު ވަނުމަކީ މަނާކަމެކެވެ.
"މުގައްދަސް ހުރިހާ ހިސާބެއްގައި ވެސް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައި،" ޕަބްލިކް ސެކިއުރިޓީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ފެތުރޭތީ ސައުދީން މި ފަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދީފައި ވަނީ ހަމައެކަނި ސައުދީގައި އުޅޭ މީހުންނަށެވެ. ހައްޖުވުމުގެ ފުރުސަތު ވަނީ ސައުދީގައި އުޅޭ 160 އަށް ވުރެ ގިނަ ގައުމުގެ މީހުންނަށް ދީފަ އެވެ. އޭގެ ތެރޭގައި ފަސް ދިވެހިން ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުގައި މި ފަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނީ 10،000 ވަރަކަށް މީހުންނެވެ.
ހައްޖުގައި ބައިވެރިވާ މީހުން މިއަދު ދަތުރުކުރާނީ މައްކާގެ އިރު އުތުރުން ހަތް ކިލޯ މީޓަރު ދުރުގައި އޮންނަ މިނާ އަށެވެ.