29 ޖުލައި 2020 - 13:03

ބާލިން (ޖުލައި 29) - ޖަރުމަނުގައި ކޮރޯނާވައިރަހުގެ އާ ކޭސްތައް ފެންނަމުންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ގައުމުގެ ޕަބްލިކް ހެލްތު އެޖެންސީން ބުނެފި އެވެ.
"އަޅުގަނޑުމެން މި ތިބީ ހަލުވިކަމާ ފެތުރެމުންދާ ރޯގާއެއްގެ ތެރޭގައި،" ރޮބަޓް ކޮޗް އިންސްޓްޓިއުޓް (އާރްކޭއައި) ގެ ވެރިޔާ ލޮތާ ވެއިލާ ވިދާޅުވި އެވެ.
އޭނާ ވަނީ ޖަރުމަނުގެ ރައްޔިތުން މާސްކް އެޅުމަށާއި ގައިދުރުކަން ހިފެހެއްޓުމަށާއި ސިއްހީ ގޮތުން ސާފު ތާހިރު ކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"މިއީ ދެ ވަނަ ރާޅެއްގެ ފެށުން ކަމެއް އަދި ނޭނގޭ. އެކަމަކު ދެވަނަ ރާޅަކަށް ވެސް ވެދާނެ. ނަމަވެސް ސިއްހީ އިރުޝާދުތަކަށް ތަބާވެއްޖެ ނަމަ މިކަން ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ވެއިލާ ވިދާޅުވި އެވެ.
ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ތެރޭ ޖަރުމަނުން ވަނީ ކޮރޯނާވައިރަހުގެ 3،611 ކޭސް އަލަށް ފެނިފަ އެވެ. ޖަރުމަނުގެ އިތުރުން ޔޫރަޕުގެ އެހެން ގައުމުތަކުގައި ވެސް ދަނީ ބަލިޖެހޭ މީހުން އިތުރުވަމުންނެވެ. އެހެންވެ ޔޫރަޕުން މިހާރު ދަނީ އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގަމުންނެވެ. ކޮރޯނާވައިރަހުގެ ކޭސްތައް ދާދި ފަހުން ސްޕޭނުގައި އިތުރުވި ތިން ސަރަހައްދަކަށް ދަތުރު ނުކުރުން ޖަރުމަނުން ވަނީ އަންގައިފަ އެވެ. އިނގިރޭސި ވިލާތުން ވަނީ ސްޕޭނުން ދަތުރުކުރާ މީހުން 14 ދުވަހަށް ކަރަންޓީން ކުރުމަށް ނިންމައިފަ އެވެ.
ބަލީގެ ނުރައްކާ ބޮޑު ގައުމުތަކުން އަންނަ މީހުން ޓެސްޓް ކުރުން މަޖްބޫރުކުރާ ގޮތަށް ޖަރުމަނުން ވަނީ ނިންމައިފަ އެވެ. ހައި ރިސްކް ގައުމުތައް ކަމަށް ޖަރުމަނުން މި ވަގުތު ބަލާފައި ވަނީ ބްރެޒިލް، ތުރުކީ އަދި އެމެރިކާ އެވެ.
ޖަރުމަނުން މިހާތަނަށް ވަނީ 207,951 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 9،207 މީހުން މަރުވެފަ އެވެ.