ސިޔާސީ ހަރަކާތް ހިންގަންވާނީ ސަލާމަތަށް އިސްކަންދީގެން: އަކްރަމް
ސިޔާސީ ހަރަކާތް ހިންގަންވާނީ ސަލާމަތަށް އިސްކަންދީގެން: އަކްރަމް

ސިޔާސީ ހަރަކާތްތައް ހިންގަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ސަލާމަތަށް އިސްކަން ދީގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަކްރަމް ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19 ގެ ހާލަތު ގޯސްވަމުން ދާއިރު، އެ ހާލަތުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ވެސް ހިންގަން ޖެހޭނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އަދި އިންސާނީ ކަރާމާތާއި ސަލާމަތަށް އިސްކަން ދީގެން ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.

އަކްރަމް އެގޮތަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް މާލޭގައި ކުރިއަށް ގެންދަން ފަށާފައި ވަނިކޮށެވެ. ރޭ ވެސް އެ މުޒާހަރާ ކުރިއަށް ގެންގޮސްފައިވާ އިރު، ފުލުހުން ވެސް ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) ގެ އެންގުންތަކާ ޚިލާފަށް އެއްވުންތައް ނުބޭއްވުމަށާއި އަދި ގައި ދުރުކަން ނުބަހައްޓައި، މާސްކް ނާޅާ އެއްވުންތައް ކުރިއަށް ނުގެންދަން ވެސް ވަނީ އެދިފަ އެވެ.

އެއްވެ އުޅުމުގެ ގާނޫނު ބުނާގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރެމުންދާ ކަން އިއުލާން ކޮށްފައިވާ ދުވަސްވަރެއްގައި އެކަމުން މީހުން ސަލާމަތް ކުރުމަށްޓަކައި އެއްވެ އުޅުމުގެ ހައްގު ފުލުހުންނަށް ހިފެހެއްޓިދާނެ އެވެ.