30 ޖުލައި 2020 - 10:52

ކޮވިޑް-19އާ ހެދި ގައިދުރުކަން ބަހައްޓަން ޖެހޭތީ ސްޓޭޑިއަމަށް ވަންނަން ފުރުސަތު ނުލިބުނު ފޭނުންތަކެއް، ޕޮލެންޑްގައި ބޭއްވި ކާރު ރޭހެއް ބަލަން ކްރޭންތަކެއް ކުއްޔަށް ހިފައި އެއަށް އަރައިގެން ރޭސް ބަލައިފި އެވެ.
މީޑިއާތަކުން ބުނީ ލަބްލިން ސިޓީގެ ސްޓޭޑިއަމް ޒަޒްލޯވީ މޮޓޯ ލުބްލިންގައި ކުރިއަށް ގެންދިޔަ މުބާރާތް ބަލަން ސްޓޭޑިއަމަށް ވަންނަން ފުރުސަތު ނުލިބުމުން، މުބާރާތަށް މަރުދޭ ބަޔަކު 21 ކްރޭން ކުއްޔަށް ހިފި ކަމަށެވެ. އެވެ. އަދި އެ މީހުން މުބާރާތް ބެލީ ސްޓޭޑިއަމްގެ ބޭރުގައި އަތުރައިގެން ތިބި ކްރޭންތަކަށް އަރަ އެވެ.
މިއިން ކޮންމެ ކްރޭނެއްގައި 3-4 މީހުން ތިއްބެވެ. ސްޓޭޑިއަމަށް ވަންނަން ފުރުސަތު ނުލިބުނީ ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްޓޭޑިއަމްގެ ކެޕޭސިޓީ އަށް 25 ޕަސެންޓަށް ވުރެ އިތުރުނުކުރަން ކަމާބެހޭ ފަރާތްތަކުން ނިންމާފައި އޮތުމުންނެވެ.
ނެޝަނަލް ސްޕީޑްވޭ އެކްސްޓްރާ ލީގް އިންތިޒާމުކުރާ ފަރާތުން ބުނީ މި އަހަރަކީ ފެށުނީއްސުރެ ރޭސް ބަލަން ގިނަ ބަޔަކަށް ފުރުސަތު ހަނިވި އަހަރެއް ކަމަށެވެ. އެކަމަކު އިވެންޓްތައް ކުރިއަށްދާ ދުވަސްތަކުތަކުގައި ކްރޭން ކުއްޔަށް ހިފައިގެން، އެ އެއްޗިއްސަށް އަރައިގެން ތިބެ މުބާރާތް ބަލާ މީހުން އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
ކްރޭނެއް ކުއްޔަށް ހިފައިގެން މުބާރާތް ބެލި މީހެއް ކަމަށްވާ އަރުތޫރް ބީނިއަސްޒޯސްކީ ބުނީ މިކަމަށް މިހާރު ވަރަށް ގިނަ ބައެއްގެ ފަރާތުން ތަރުހީބު ލިބެމުން އަންނަ ކަމަށެވެ. އެހެންވެ ކްރޭންތަކަށް އަރައިގެން މުބާރާތް ބަލަން ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭން ވަރަށް ބޮޑަށް މަސައްކަތްކޮށްދޭނެ ކަމަށް ބުންޏެވެ.
"މިއިން ދައްކުވައި ދެނީ މުބާރާތަށް ފޭނުން ކިހާ ޝައުގުވެރިކަމެއް ދޭކަން،" އޭނާ ބުންޏެވެ. "މިހާރަށް ވުރެ ފަސޭހަކޮށް ކްރޭނުގައި މުބާރާތް ބަލަން ފުރުސަތު ހޯދައިދޭން މަސައްކަތްކުރާނަން."