29 ޖުލައި 2020 - 11:23

ކޮވިޑް ރިކަވަރީ ލޯން ސްކީމްގެ ދަށުން ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރިތަކަށް މިހާތަނަށް 568 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ބީއެމްއެލުން ވަނީ ދިވެހި ރުފިޔާ އިން 475.5 މިލިއަން ރުފިޔާ އާއި ޑޮލަރުން ހަ މިލިއަން (92.5 މިލިއަން ރުފިޔާ) ލޯންގެ ގޮތުގައި ދޫކޮށްފަ އެވެ.
ބީއެމްއެލް މެދުވެރިކޮށް މިހާތަނަށް 542 ފަރާތަކުން ވަނީ ލޯނަށް އެދިފަ އެވެ. މީގެ ތެރެއިން 16 ވިޔަފާރިއެއްގެ ލޯނު އެޕްލިކޭޝަން ރިޖެކްޓު ކޮށްފައިވާއިރު 367 ވިޔަފާރިއަކަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 330 ވިޔަފާރިއަކަށެވެ.
މި ލޯނު ސްކީމްގެ ދަށުން ބީއެމްއެލުން ރިސޯޓުތަކަށް 7.7 މިލިއަން ރުފިިޔާގެ ލޯނު ދޫކުރާއިރު އެހެނިހެން ވިޔަފާރިތަކަށް ދޫކުރާނީ އެއް މިލިއަން ރުފިޔާ އެވެ.
ކޮވިޑް ރިކަވަރީ ލޯން ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ ވިޔަފާރިތަކުން ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖައްސައި ދިނުމަށް ތައާރަފު ކުރި ސްކީމެކެވެ. މި ސްކީމްގެ ދަށުން ނަގާ ލޯނުތަކަށް ހަ މަސްދުވަހުގެ ގްރޭސް ޕީރިއެޑެއް ލިބޭއިރު އެ ހަ މަސް ދުވަހުގެ ތެރޭގައި އެއްވެސް ޕޭމަންޓެއް ދައްކަން ނުޖެހޭނެ އެވެ.
މީގެއިތުރުން މި ސްކީމްގެ ދަށުން ނަގާ ލޯނުތައް ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.