29 ޖުލައި 2020 - 10:52

ގިތެޔޮ މިރުސް އެޅި މަސްދަޅު "ޓޫނާ ޗަންކްސް އިން އޮއިލް ވިތު ހޮޓް ޗިލީ" މިފްކޯއިން ރޭ ތައާރަފު ކޮށްފި އެވެ.

މިފްކޯއިން ވަނީ މި އުފެއްދުން ތައާރަފު ކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވައި މަސްދަޅުގެ ރަހަ އާއްމުންނަށް ދައްކާލައިފަ އެވެ. މި މަސްދަޅުތައް މިއަދުން ފެށިގެން މިފްކޯއިން ލިބޭނެ އެވެ.
އެ ކުންފުނީގެ ސީނިއާ އެގްޒެކެޓިވް މިފްރާހު ނަސީމް ވިދާޅުވީ އަލަށް ތައާރަފު ކުރި މި މަސްދަޅަކީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ނެރުނު "ހޮޓް ޕެކް" އަށް އިތުރު ކުރެވުނު އުފެއްދުމެއް ކަމަށެވެ. އަދި ކުރިއަަށް އޮތްތާނގައި ވެސް މިފަދަ ތަފާތު އުފެއްދުންތައް ބާޒާރަށސް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހޮޓްޕެކް އަޅުގަނޑުމެން ތައާރަފު ކުރީ ދެ ފްލޭވާއާ އެކީގައި. މިއަށް އޮތް ޑިމާންޑު ބޮޑުވުމުން މިރޭ އަނެއްކާ އާ ފްލޭވާއެއް ލޯންޗު މިކުރީ." މިފްރާހު ވިދާޅުވި އެވެ.
މިފްކޯގެ ހޮޓްޕެކުގައި މިހާރު ހިމެނޭނީ އަސޭ މިރުހާއި ހިކި މިރުހާއި ގިތެޔޮ މިރުހުގެ މަސްދަޅުތަކެވެ. ގިތެޔޮ މިރުސް މަދަޅު ކޭހެއް މިހާރު ލިބެން ހުންނާނީ 670ރ. އަށެވެ. ވަކިން މަސްދަޅެއް ވިއްކާނީ 14.50ރ. އަށެވެ.
މި މަސްދަޅުތައް ސެލެޑާއި ނޫޑުލްސް އާއި ރޮށި އަދި ޕާނާ އެކު ވެސް ބޭނުން ކުރެވޭނެ އެވެ.
މިފްކޯއިން ބުނީ އެ ކުންފުނިން ތައްޔާރު ކުރާ "ހޮޓްޕެކް"ގެ އުފެއްދުންތަކަށް ބޭނުންވާ ތަކެތޮ ހޯދަނީ ވަރަށް ބޮޑަށް ބަލައި އަޖުމަ ބެލުމަށް ފަހު ކަމަށެވެ. ގިތެޔޮ މިރުސް މަސަދަޅު އުފައްދަނީ ރާއްޖޭން ލިބެން ހުރި އެންމެ މީރު ކުޅި މިރުސް ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ ގިތެޔޮ މިރުސް މަސްދަޅުތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެ ކުންފުނީގެ މައި ތިން ފިހާރައިންނާއި ސައިޓުތަކުގައި ހުންނަ ފިހާރަތަކުގެ އިތުރުން އައިސްޕްލާންޓުތަކުން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން މިފްކޯގެ މަސްފިހާރައިގައި ރަޖިސްޓްރީކޮށްގެން އެކި ރަށްރަށުގައި ވިޔަފާރި ކުރަމުން އަންނަ ފަސްމީރު ގޭދޮށު ފިހާރަތަކުން ވެސް މި މަސްދަޅު ލިބެން ހުންނާނެެ އެވެ.