ބައްސާމްގެ އެކްސްކޯގައި މަޖިލީހުގެ ހަ މެމްބަރުން
ބައްސާމްގެ އެކްސްކޯގައި މަޖިލީހުގެ ހަ މެމްބަރުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވާ ބައްސާމް އަދީލް ޖަލީލްގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް އަދި ވައިސް ޕްރެޒިޑެންޓަކަށް ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިއާ އައިޝަތު ނާޒިމާގެ ނަން ހުށަހަޅުއްވައިފި އެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ބައްސާމްގެ ފަރާތުން ހުށައެޅުއްވި އެގްޒެކެޓިވް ކޮމިޓީގެ އަށް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ މަޖިލީހުގެ މެމްބަރުންނެވެ. އެއީ އެކްސްކޯ އާއްމު މެމްބަރުންގެ ގޮނޑިއަށް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ. އެކްސްކޯ އަށް ދެން ހުށަހެޅުއްވީ މޯލްޑިވްސް ގޭސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއުގެ ނަމެވެ.

މީގެ ތެރެއިން އަބުޅޯ އާއި މުހައްމަދު ވަނީ މެމްބަރު އިލްހާމް އަހުމަދު އެފްއޭއެމްގެ ރައީސްކަން ކުރެއްވި އިރު އެފްއޭއެމްގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރ ބައްސާމް ވިދާޅުވީ އޭނާގެ ރަސްމީކޮށް ކެމްޕެއިން އިފްތިތާހުކުރުމާއި މެނިފެސްޓޯ އިއުލާންކުރުން ބުރާސްފަތި ދުވަހުގެރޭ އޮންނާނެ ކަމަށެވެ.

އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގެ ދަށުން ރައީސްގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅަކު، އޭނާގެ ފަރާތުން އެކްސްކޯ އަށް މެމްބަރުން ނޮމިނޭޓްކުރައްވަން ޖެހޭނެ އެވެ. އަދި އިންތިހާބުގައި ވޯޓަށް އަހާނީ ޓީމަށް އެއްކޮށެވެ.

ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ބައްސާމް ހުށައެޅުއްވި ކުރީގެ މަޝްހޫރު ކުޅުންތެރިއާ ނާޒިމާ އަކީ އެންމެ ފަހުން އިންތިހާބުވި ރައީސް އަހުމަދު ތޯރިގް (ޓޮމް) ގެ ދައުރުގައި އެކްސްކޯ މެމްބަރެކެވެ. ތޯރިގާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ، އެކްސްކޯ އިން އިސްތިއުފާ ދެއްވި ފަސް މެމްބަރުންގެ ތެރޭގައި ނާޒިމާ ހިމެނެ އެވެ. އެފްއޭއެމްގެ އިންތިހާބު އަލުން ބާއްވަން ޖެހުނީ އެ ފަސް މެމްބަރުން އިސްތިއުފާ ދެއްވުމާ އެކު އެކްސްކޯ އުވުމުންނެވެ.

ކުރިން ބެލެވިފައި އޮތީ އޭރުގެ ވައިސް ޕްރެޒިޑެންޓް އަލީ އުމަރާއި އެކްސްކޯ މެމްބަރު އަހުމަދު ޝަކީބް (ޑޮކް) ގެ ނަން ބައްސާމްގެ އެކްސްކޯގައި ހިމެނޭނެ ކަމަށެވެ. އޭރު އިސްތިއުފާ ދެއްވި މެމްބަރުންގެ ތެރޭގައި ކުރީގެ އެއް ވަނަ ފޯވާޑް އައްޔަ އާއި އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގެ ހެޑް ޝަކީބް ހިމެނެ އެވެ. އަދި އައްޔަ އާއި ޝަކީބް ވަނީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގައި ވެސް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގް ވެސް ކުރިމަތިލައްވާފައިވާއިރު އޭނާގެ އެކްސްކޯ އަދި އިއުލާންނުކުރައްވަ އެވެ.