23 އޮކްޓޯބަރ 2016 - 22:48

ބ. އަތޮޅު ކިހާދު މޯލްޑިވްސް ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ، މިއަދު ހަވީރު 4:00 ހާއިރު އެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދު މެންދުރުފަހު ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 25 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ.
އެ ފިރިހެން މީހާ މިއަދު ހަވީރު 5:00 ހާއިރު ބ. އަތޮޅު ހޮސްޕިޓަލަށް ގެނައިއިރު ވެސް އޮތީ މަރުވެފަ އެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައީ އެ ރިސޯޓުގައި ގަޑިއެއްހާއިރު ފަރުވާ ދިނުމަށްފަހު އެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.
މަރުވި މީހާގެ ހަށިގަނޑު މިހާރު ވަނީ ބ. އަތޮޅު ހޮސްޕިޓަލުން އެ ރިސޯޓަށް އަލުން ގެންގޮސްފަ އެވެ.
މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެއިން މަރުވެ އެވެ. އެންމެ ގިނަ އަދަދަކަށް މަރު ވަނީ ޗައިނާ ޓޫރިސްޓުންނެވެ.