އުތުރަށް މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އުތުރަށް މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އެންމެ އުތުރުގެ ދެ އަތޮޅަށް މުދާ އުފުލާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހއ. ކެލާ ހޮސްޕިޓަލުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު އިބްރާހިމް ރުޝްދީ "މިހާރު" އަށް މިއަދު ވިދާޅުވީ، އެ އަތޮޅުގެ އެކި ރަށްރަށަށް މުދާ ހިފައިގެން ދުއްވާ "ސަވާރީ" ދޯނިން ދަތުރުކުރި އެ ރަށުގެ ފިރިހެނަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ ޓެސްޓް ކުރީ ރޯގާ ޖެހިފައި ހުރެގެން ކަމަށާއި ސާމްޕަލް ނެގީ ދިއްދޫގައި ހުންނަ ފްލޫ ކްލިނިކުން މީގެ ދެ ދުވަސް ކުރިން ކަމަށް އޭނާ ބުންޏެވެ.

"އެ މީހާގެ ފުރަތަމަ ސާމްޕަލް ނެގެޓިވް ވި. އެކަމަކު ދެވަނަ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި،" ރުޝްދީ ވިދާޅުވި އެވެ.

ތަވާރީ ދޯނި ހއ. އަތޮޅަށް އެންމެ ފަހުން ދަތުރުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެއީ ކޮން ރަށެއްގެ ދޯންޏެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ އެ ދޯނިން ދަތުރުކުރި އިތުރު ދެ މީހަކު މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމަށް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތައް ލުއި ކުރުމުން މި ބަލި ފެތުރޭލެއް ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 3،369 މީހުން ރާއްޖެއިން ކޮވިޑް އަށް ޕޮޒިޓިވްވެފައި ވެ އެވެ.