އޭސީސީ: ބޮޑެތި ތަހުގީގުތަކުގައި ފަހަތު ފަޔަށް ބުރަވެފައި
އޭސީސީ: ބޮޑެތި ތަހުގީގުތަކުގައި ފަހަތު ފަޔަށް ބުރަވެފައި

ނޫހުގެ ސުރުހީތައް ހަވާލިއިރު ކޮރަޕްޝަންގެ ބޮޑެތި އެތައް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކުރަމުން ދާކަން އެނގެ އެވެ. އެ ތަހުގީގުތަކާ މެދު އާއްމުކޮށް ދައްކާ ވާހަކައެއް އޮވެ އެވެ؛ "ދުވަހަކު ވެސް ތިނޫން ޖަވާބެއް ނުލިބޭނެ" އެވެ.

އޭސީސީ: ބޮޑެތި ތަހުގީގުތަކުގައި ފަހަތު ފަޔަށް ބުރަވެފައި
އޭސީސީ: ބޮޑެތި ތަހުގީގުތަކުގައި ފަހަތު ފަޔަށް ބުރަވެފައި

ބޮޑެތި ބައެއް މައްސަލަތަކަށް ކުޑަކޮށް ނަޒަރު ހިންގާލާނަމެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތެވެ. އެ މައްސަލަ އޮޑިޓަ ޖެނެރަލްގެ އޮފީހުން ބެލުމަށް ފަހު އާއްމުކުރި ރިޕޯޓުން ގިނަ ބަޔަކަށް ސިހުން ލިބުނެވެ. ސަރުކާރުގެ އިސް ވެރިންތަކެއް ބައިވެރިވެރިވެގެން ހިންގާފައިވާ ބޮޑު ވައްކަމުން ދައުލަތަށް ލިބުނު ގެއްލުން ބޮޑުކަމުންނެވެ. އެ ރިޕޯޓް ނެރުމާ އެކު އޭސީސީން ބުނީ އެ މައްސަލަ ވަރަށް ސީރިއަސްކަމާ އެކު ތަހުގީގުކުރާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާއެރިތާ އަހަރެއް ފުރެން ކައިރިވެފައިވާއިރު އޭސީސީން ކުރަމުން އަންނަ ތަހުގީގު އަދިވެސް އޮތީ "ތަހުގީގު މަރުހަލާގަ" އެވެ. އެ މައްސަލައިގެ ތަހުގީގާ ގުޅިގެން ނޫސްވެރިން ދޭތެރެ ދޭތެރެއިން އެ ކޮމިޝަންގެ އެންމެ އިސް ވެރިންނާ ސުވާލުކުރެ އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި މިހާތަނަށް ބުނަމުން އައިސްފައި ވަނީ މައްސަލައިގެ ބޮޑުކަމުން ހޯދަން ޖެހޭ ހޯދުންތަކަށް ވަގުތު ނަގަނީ ކަމަށެވެ. އަދި އެ ތަހުގީގުގެ ރިޕޯޓް މާ ލަސްތަކެއްނުވެ އާއްމުކުރާނެ ކަމަށް ވެސް ބުނެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން އެ މައްސަލައިގައި ދައުވާކުރާނެ ބަޔަކު އެ ކޮމިޝަނުން ކަނޑައަޅާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު އެ ތަހުގީގާ މެދު މިހާރު މާ ބޮޑު އިންތިޒާރެއް އާންމުންނެއް ނުކުރެ އެވެ.

ދެން އޮތީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތެއް ހަދަން 140 މިލިއަން ޑޮލަރަށް ސިންގަޕޫރުގެ ޗަންހުއާ ކިޔާ ކުންފުންޏަކާ ސަރުކާރުން ހަވާލުކުރި ގޮތެވެ. ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތުގެ މަސައްކަތް ސަރުކާރުން މި އަހަރުގެ ކުރީކޮޅު އެ ކުންފުންޏާ ހަވާލުކުރީ ބިޑަށް ނުލައި، "ނެގޯޝިއޭޓް" ކޮށްގެންނެވެ.

އެ މަޝްރޫއު ހަވާލުކުރި ގޮތް ނޫސްތަކުގައި ލިޔުމުން އާއްްމު އުސޫލުން އޭސީސީން އެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ. އެ ބިލްޑިންގެ މަސައްކަތް ހެސްކިޔާފައި ދަނީ ކުރިއަށެވެ. އެކަމަކު މަޝްރޫއު ދިނީ ކިހިނެއް، ކޮން ގޮތަކަށް ކަމެއް އޭސީސީއަކުން ހާމައެއް ނުކުރެ އެވެ.

ނޫސްވެރިން ކުރާ ސުވާލުތަކަށް އޭސީސީގެ ޖަވާބު ވަރަށް ފުރިހަމަވާނެ އެވެ. ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެގެން އެ ކޮމިޝަނުގެ ބަހެއް ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ނުވަތަ ނައިބު ރައީސް މުއައްވިޒު ރަޝީދަށް ގުޅާލުމުން އެކަމާ މެދު ދެކެވަޑައިގަންނަވާ ގޮތް ވަރަށް ފަސޭހައިން ވިދާޅުވެ އެވެ. ނަމަވެސް އެއިން މަައްސަލައެއްގެ ތަހުގީގު ނިމޭ ދުވަހެއް ނާދެ އެވެ.

އޭސީސީގެ ކުރީގެ މެމްބަރަކު، ނަން ނުޖެހުމަށް އެދި، "މިހާރު" އަށް ވިދާޅުވީ ކޮމިޝަނުން ބަލާ ބޮޑެތި މައްސަލަތައް ނުނިމި ލަސްވަނީ "މެމްބަރުން ފިތިފައިވާތީ" ކަމަށެވެ. އޭނާ އެ މާނަކުރައްވަނީ ކޮމިޝަންގެ މެމްބަރުން ކޮންމެވެސް ގޮތަކަށް ސަރުކާރުގެ އިސް ވެރިންގެ ނުފޫޒުގައި ތާށިވެފައިވާތީ ކަމަށް ވެދާނެ އެވެ.

"އޭސީސީއަށް މިހާތަނަށް ހުށަހެޅި އެއްވެސް ބޮޑު މައްސަލައެއް ނުނިމިގެން އެ އުޅެނީ ދާންވާ މީހާއާ ހަމަޔަށް ދާން ނުކެރިގެން. މިހާރު ތިއްބެވި ގިނަ މެމްބަރުންގެ ނެތް އެ ހިތްވަރެއް. އެ ކޮމިޝަނަކީ މިހާރު ދަތް ނެތް ސިންގާއެއް ކަހަލަ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ކުރީގެ މެމްބަރު ވިދާޅުވި ގޮތުގައި ކޮމިޝަނުން އަމަލުކުރަމުން އަންނަ ގޮތުން އާއްމު އިތުބާރު ވަނީ ގެއްލިފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިގެން ހިންގާފައިވާ "ޖަރީމާތައް" ތަހުގީގުކޮށް ދައުވާކުރަން ނުފޮނުވުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން ތިބިއިރު ވެސް އޭރުގެ ސަރުކާރުގެ އިސް ވެރިންގެ ޕްރެޝަރު އިންތިހާއަށް އާދޭ. އެކަމަކު އަޅުގަނޑުމެންގެ ޒިންމާ އަދާކޮށް ތަހުގީގުކުރަން ފެންނަ މީހުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލްއާ ހަމަޔަށް ފޮނުވަން. މިހާރު ތިއްބެވި ބޭފުޅުން އެހެން މައްސަލަތައް ދިގު ދަންމަދަންމާ ތިއްބާ އޭގެ ސަބަބުން ދައުލަތަށް ފޫނުބެދޭ ވަރުގެ ގެއްލުންތައް އެދަނީ ލިބެމުން،" އެ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި އެ ކޮމިޝަނުން ނިންމަން ޖެހޭ ނިންމުންތައް ނުނިމި ފަހަތު ފަޔަށް ބަރުވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ޓީވީން ދުށިން އެ މައްސަލައާ ގުޅިގެން އިސްލާމިކް ބޭންކުގެ ސްޓޭޓްމަންޓެއް ހޯދި ހަބަރެއް ކިޔަނިކޮށް. އޭގެ އިތުރުން މަޖްލިސްގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވި ތިމަންނަ އެ ފައިސާ ގޯނި ހިފައިގެން ބަހަން ދިޔަ ކަމަށް. އެކަމަކު އެ މައްސަލަ ވެސް ތަހުގީގުކޮށްފައި ނިންމުމެއް ނާދޭ،" އެ މެމްބަރު ވިދާޅުވި އެވެ.

އޭސީސީން ތަހުގީގުކުރާ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް ލުތުފީ ވިދާޅުވީ ކޮމިޝަނުން ސިޔާސީ ވެގެން އެއްވެސް ކަމެއް ނުނިމި ނޯންނާނެ ކަމަށެވެ. އަދި އެފަދަ ނުފޫޒެއް ކުރިމަތިވާ ނަމަ އެ ދުވަހުން ހުންނަވާނީ ގޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރީގެ މެމްބަރަކު ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް އަޅުގަނޑުމެން ސިޔާސީ ވެގެން ނުބަލާ އެއްވެސް މައްސަލައެއް ނޯންނާނެ. އަދި މިތަނަށް ހުށަހަޅާ އެއްވެސް މައްސަލައެއް ފޮރުވެން ވެސް ނޯންނާނެ. ވަގުތުން ފެންނަން ހުންނާނެ ހުށަހަޅާ ހުރިހާ މައްސަލައެއް. އަޅުގަނޑު ގަބޫލުކުރަން ކޮންމެ އިރަކު ވެސް ސަރުކާރު ބަދަލުވެދާނެކަން އަދި އަޅުގަނޑުމެންނަށް ވެސް އަބަދަކު މި މަގާމުގައި ނުތިބެވޭނެކަން. އެހެންވީމަ އަޅުގަނޑު ބޭނުމެއް ނުވޭ ކުރާ ކަމަކުން ޖަލުގައި އޮންނާކަށް،" ލުތުފީ ވިދާޅުވި އެވެ.

ބޮޑެތި މައްސަލަތައް ނުނިމި ދިގުލައިގެންދާ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ބޮޑެތި މައްސަލަތައް ނިންމަން ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ނިންމާ މައްސަލަތައް އެނގެން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ނުފެންނަ މީހުންނަށް ނުފެންނާނެ. ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފައި އަޅުގަނޑުމެން މައްސަލައެއް ތަހުގީގުކުރަން ފޮނުވަނީ. ދާދި ފަހުން ފްލެޓްގެ މައްސަލަ ވެސް ނިންމީ. އަޅުގަނޑުމެން ވެސް ބޭނުންވާ ސްޕީޑުގައި ނުނިމި ދިގުލައިގެން ދިއުމުގައި މުވައްޒަފުންގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވަނީ،" ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ނިމިގެން ދިޔަ ދައުރަށް ވުރެ ގިނަ މައްސަލަތައް މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ކޮމިޝަންގެ މެމްބަރުންނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް. މިހާރު ބަލަމުން އަންނަ ބޮޑެތި މައްސަލަތަކުގެ ތެރެއިން އައިޖީއެމްއެޗްގެ މައްސަލަ މިދިޔަ ހަފުތާގައި ނިންމާފައިވާނެ. ވަރަށް އަވަހަށް އެ މައްސަލައިގެ ތަފުސީލް ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ އޭސީސީއަށް ހުށަހަޅާ މައްސަލަތައް ބެލޭނެ ނިޒާމް އެބަ އޮތް ކަމަށެވެ. ނަމަވެސް 40 ވަރަކަށް އިންވެސްޓިގޭޓަރުން ގޮވައިގެން، މައްސަލަތައް ނިންމަން ބޭނުންވާ ބާރުމިނުގައި، ނުނިންމޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ބެހޭ ގޮތުން ދައްކާ ވާހަކަތައް އަބަދުވެސް ބަލަމުން އަންނަން. އަދި ޝަކުވާއެއް ބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހެޅިއަސް ބަލަން. މިއިން ދުވަހަކު ވެސް ކޮމިޝަނުން ނުކުރާ ވަރުގެ ބޮޑެތި މަސައްކަތްތަކެއް މިދަނީ ކުރަމުން،" ލުތުފީ ވިދާޅުވި އެވެ.

އެކަމަކު އޭގެ ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ ޖަވާބު ނުލިބޭ ސުވާލަކީ މި އެވެ.