27 ޖުލައި 2020 - 22:23

ކޮވިޑް-19 އަށް އިތުރު 67 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.
އެ އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހަވީރު 6:00 އާ ހަމަ އަށް، 43 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ހަ މީހަކާއި އިންޑޮނީޝިއާގެ ތިނެއް އަދި އެމެރިކާ މީހެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 3،369 އަށް އެރީ އެވެ.
އެ ބަލިން 19 މީހަކު ރަނގަޅުވެފައި ވެ އެވެ. މި ވަގުތު ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ 792 އަށް އަރައިފަ އެވެ.
އެޗްޕީއޭ އިން މިރޭ ބުނި ގޮތުގައި ބ. ފިނޮޅަށް ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަން ދިޔަ ހަތަރު ބިދޭސީއަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެއީ ބަންގްލާދޭޝް މީހަކާއި އިންޑޮނީޝިއާ ތިން މީހެކެވެ.
މީގެ ކުރިން ކޮވިޑްގެ ނުރައްކާ އެންމެ ބޮޑަށް އޮތީ ބިދޭސީންގެ ތެރޭގަ އެވެ. ނަމަވެސް ތޮއްޖެހިގެން އުޅެމުން އައި ބިދޭސީން ރައްކާތެރި ތަންތަނަށް ބަދަލުކުރި ހިސާބުން، އެމީހުންގެ މެދުގައި ބަލި ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި ވެ އެވެ.
މިދިޔަ މަހުގެ 15 އިން ފެށިގެން ލޮކްޑައުނަށް ބޮޑެތި ލުއިތަކެއް ދިން ފަހުން، އެ ބަލި އެންމެ ގިނައިން ޖެހެމުންދަނީ ދިވެހިންނަށެވެ. ކޮވިޑް ޖެހުނު ދިވެހިންގެ އަދަދު 1،531 އަށް އަރާފައިވާއިރު ބަންގްލަދޭޝްގެ 1،472 މީހަކަށް އެ ބަލި ޖެހިފައި ވެ އެވެ.