ޒިކުރާ މިސްކިތުގެ ފާހާނާ އިން ނަޖިސް ލީކުވާތާ ފަސް ދުވަސް!
ޒިކުރާ މިސްކިތުގެ ފާހާނާ އިން ނަޖިސް ލީކުވާތާ ފަސް ދުވަސް!

މާލޭ ޒިކުރާ މިސްކިތުގެ ފާހާނާ ހޮޅިއެއް ބެދި، ފާހާނާ އިން ނަޖިސް ލީކުވާތާ ފަސް ދުވަސް ވެއްޖެ އެވެ. ފަސް ވަގުތު، މީހުން ނަމާދުކުރާ މިސްކިތާއި މުޅި އެ ސަރަހައްދަށް ވަނީ ނަޖިސް ވަސް ފެތުރިފަ އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މިސްކިތުގެ ފާހާނާ ތެރެއިން ނަޖިސް މައްޗަށް އަރައި މުޅި ފާހާނާ ތެރެއަށް ފެތުރުނީ، މިސްކިތުގެ ގޯތި ތެރޭގައި ހުރި ހޮޅިއެއް ބެދިގެންނެވެ. އެ މައްސަލަ ހައްލު ނުކޮށް ލަސްވާތީ ހިތްހަމަނުޖެހުން ފާޅުކޮށް ބައެއް މީހުން ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވާ ފޮޓޯތަކުން ވެސް ފާހާނާ ތެރެ ފެންނަނީ ވަރަށް ނަޖިސްކޮށެވެ. މުޅި ފާހާނާތެރެ އޮތީ ނަޖިހުން ފުރިފަ އެވެ.

މައްސަލަ ދިމާވުމާ އެކު މިސްކިތުގެ މުވައްޒަފުންތަކެއް އެކަން ހައްލު ކުރަން އަމިއްލަ ގޮތުން މަސައްކަތް ކުރިއަސް ފަސް ދުވަސް ވީ އިރު ވެސް ހައްލު ނުވެ ހުރީ މިނިސްޓްރީން ހޯދަން ޖެހޭ ހުއްދަތަކެއް ނުލިބިގެން ކަމަށްވެ އެވެ.

"ހޮޅި ބެދިގެން އުޅޭ ޖަންކްޝަން މަތީގައި ހުރީ ޓައިލްސް ޖަހާފައި. އެކަން ރަނގަޅު ކުރެވެން އަންނަނީ ޓައިލްސްތައް ނައްޓައިގެން، އެކަން ކުރަން ހުއްދަ ނުލިބިގެން ލަސްވީ،" އޭނާ ކިޔައިދިނެވެ.

ހުއްދަ ލިބިގެން މިރޭގެ ވަގުތެއްގައި މައްސަލަ ހައްލުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.