އިގްތިސާދު ދަށްވުމުން މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް: އާދަމް ޝަރީފް
އިގްތިސާދު ދަށްވުމުން މިނިވަންކަން ގެއްލުމުގެ ބިރު އެބައޮތް: އާދަމް ޝަރީފް

މިނިވަންކަން ގެއްލެނީ އިގްތިސާދު ދަށްވުމުން ކަމަށާއި އެ ބިރު މިހާރު އެބައޮތް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މިނިވަންދުވަހާ ގުޅުވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަންކަން ގެއްލި، އަޅުވެތިވާނީ އިގްތިސާދު ދަށްވެ، ތަދުމަޑުކަމާ ކުރިމަތިލާން ޖެހުމުން ކަމަށާއި މިއީ އެފަދަ ދުވަސްވަރެއް ކަމަށެވެ. މިިނިވަންކަން ގެއްލުމުގެ ބިރު ހަ ފަރާތުން ވެސް އެބައޮތް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަން ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އިގްތިސާދު ރަނގަޅު ކުރުމުގެ ގާބިިލްކަމެއް ވެސް މިހާރުގެ ސަރުކާރުގައި ނެތެވެ.

އޭނާ އެގޮތަށް ވިދާޅުވިއިރު، އިންޑިއާއިން އިއްޔެ އަނެއްކާވެސް ވަނީ ރާއްޖެއަށް މާލީ އެހީ ދޭނެ ކަން އިއުލާން ކޮށްފަ އެވެ. މިފަހަރު ދެނީ ކިހާ އަދަދެއް ކަން އިންޑިއާއިން އަދި ހާމަ ނުކުރިޔަސް، އެ ގައުމުން ބުނެފައިވަނީ އެއީ އެކަށީގެންވާ އަދަދަކަށް ވާނެ ކަމަށެވެ. އޭގެކުރިން ވެސް އެ ގައުމުން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ އެހީ އާއި ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ވެސް ފޯރުކޮށްދީފަ އެވެ.

އޭގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް 800 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް އިންޑިއާ އިން ދިނެވެ. އެ އެހީގެ ދަށުން ބައެއް ޕްރޮޖެކްޓްތައް ހިންގަން ރާއްޖެއިން މިހާރު ވެސް ދަނީ ތައްޔާރުވަމުންނެވެ.

މި ވެރިކަން ފެށުމާ އެކު ރާއްޖެ އާއި އިންޑިއާގެ ގުޅުން ކުރިއަށް ވުރެން ވެސް ގާތްވެފައިވާތީ އިދިކޮޅުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.