05 އޯގަސްޓް 2020 - 09:14

ސިޔާސީ ބޭފުޅުންތަކެއް ކޮންޓްރޯލްކުރާ ކޮމިޝަނެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތް އޮތުން ބަދަލުކުރުމުގެ ވައުދާއި އަހުދުތައް ހަނދާން ނެތި، ކިއިހައި ޅެންތައް ފަރިއްސަށް ވެ ނިމިއްޖެ އެވެ. ޖޭއެސްސީ މިނިވަންކުރުމުގެ ލަވައަކީ އެއިރެއްގައި އިދިކޮޅުގައި ތިބެގެން ބާރު ހޯދަން ދައްކާ ހުވަފެނެއް ކަމަކަށް ނޫނީ މިއަދު ބުނެވޭކަށް ނެތެވެ. އެކަމަކު ޖޭއެސްސީން ކޯޓުތަކުގެ ނިންމުންތަކަށް ވަންނަން ފަށައިފި ނަމަ އެއީ އެއަށް ވުރެ މާ ބޮޑު މައްސަލައެކެވެ.

ދެ ފަރާތުން ރުހޭ ގޮތަކަށް ކޯޓުތަކުން ހުރިހާ މައްސަލައެއް ނުނިމޭނެ އެވެ. ދެ ފަރާތުގެ ދެމެދުގައި ދެބަސްވުން އުފެދިފައި އޮންނަ މައްސަލައެއްގައި ކޯޓުގެ ނިންމުމާ މެދު ކޮންމެވެސް އެއް ފަރާތަކުން ހިތްހަމައެއް ނުޖެހޭނެ އެވެ. ކޯޓެއްގެ ނިންމުމުން ގަބޫލުނުކުރެވުމުން ފަރުވާ ހޯދާނެ "ޝޯޓް ކަޓެއް"ގެ ގޮތުގައި ޖޭއެސްސީ ވެދާނެ ކަމުގެ ކަންބޮޑުވުން މަޑުމަޑުން މިދަނީ ފެންނަމުންނެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުވާކުރި މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓަށް ވުރެ ކުރިން ޖޭއެސްސީގެ ފިޔަވަޅު އެ މައްސަލަ ބެއްލެވި ފަނޑިޔާރަށް އަމާޒުވެ، ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނީ އެވެ. ބޮޑު ޚިޔާނާތެއްގެ އެންމެ ބޮޑު ތުހުމަތެއް އަމާޒުވާ އަދީބު މިނިވަންވުން ގިނަ ބަޔަކަށް ބަލައިނުގަނެވުނަސް، އެ ފަނޑިޔާރަށް އައި ސަސްޕެންޝަނަކީ ޖޭއެސްސީއަށް ތުހުމަތު އަމާޒުވި އެއް ސަބަބެވެ.
ނަމުގެ ކުރީގައި ޖުޑީޝަލް ކިޔެއް ކަމަކު ޖޭއެސްސީއަކީ ޖުޑީޝަލް ބޮޑީއެއް ނޫނެވެ. ފަނޑިޔާރުން އައްޔަން ކުރުމާއި ސުލޫކީ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމުގެ ބާރު އޮތަސް، ކޯޓުތަކުގެ ޖުޑީޝަލް ނިންމުންތަކުގެ ތެރެއަށް ވަދެ، ބަސް ބުނުމުގެ ބާރެއް ގާނޫނީ ގޮތުން އެ ކޮމިޝަނަކަށް ނޯވެ އެވެ. ފަނޑިޔާރަކު ވަކި ކަމެއް ނިންމުމުގައި ރިޝްވަތާއި ނާޖާއިޒް ފައިދާ ނެގުން ފަދަ ޖިނާއީ އަމަލެއް ހިންގައިފި ނަމަ، އެކަން ޖޭއެސްސީން ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަކީ މުޅިން އެހެން ކަމެކެވެ.
ފަނޑިޔާރުން އަމަލު ކުރަން ޖެހޭ ގޮތް ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ. އެއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރުމާއި ވަކި ގޮތަކަށް އަމަލު ކުރަން ކަނޑައެޅިފައި ނުވާ ކަންކަމުގައި އިސްލާމީ ޝަރީއަތުގައި އެކަމެއް އޮންނަ ގޮތަކަށް ރިއާޔަތް ކުރަން ޖެހޭ ގޮތަށެވެ. އެހެންވެ، ހިތުހުރި ގޮތަކަށް ކަންކަން ނިންމުމުގެ ބާރެއް ފަނޑިޔާރަކުންނަކަށް ވެސް ނެތެވެ.
އެ އިމުން ބޭރުވެ، ފަނޑިޔާރަކު ހުކުމަކަށް ވާސިލްވުމުގައި ގާނޫނު ތަތުބީގު ކުރުމުގައި ގޯހެއް ހެދުން ނުވަތަ ހުކުމުގެ ކުރިއަށް އައި އިޖްރާއަތެއް ގޯސްވުން ފަދަ ފާޅުކަން ބޮޑު ގޯސްތަކެއް ފެންނަން އޮތަސް، ގާނޫނީ ނިޒާމުގެ ތެރެއިން ފަރުވާއެއް ހޯދޭނީ އިސްތިއުނާފް މަރުހަލާގެ ތެރެއިންނެވެ. ހުކުމަކާ މެދު ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ޖޭއެސްސީގެ ދޮރުގައި ޓަކި ޖެހުމުގެ ސަގާފަތެއް އުފަންވެއްޖެ ނަމަ، އިސްތިއުނާފީ މަރުހަލާގެ ބޭނުމެއް ނެތެވެ. އެ މަގުން އެކަން ހިނގަން ފަށައިފި ނަމަ، ސިޔާސީ ބޭފުޅުންތަކެއް ތިއްބަވާ ޖޭއެސްސީގެ ވިސްނުމާ އެއްގޮތަށް މައްސަލަތައް ނިންމަން މަޖުބޫރުވެ، ނިޒާމީ ގޮތެއްގައި ފަނޑިޔާރުންނަށް ނުފޫޒު އައުން ކަމަށް ނޫނީ ނުވާނެ އެވެ.
ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނު އަސާސީން ކޯޓުތަކާއި ފަނޑިޔާރުންނަށް ކަށަވަރު ކޮށްދޭ އެންމެ މުހިންމު އެއް މިނިވަން ކަމަކީ ދައުލަތް ވެސް ހިމެނޭ ގޮތަށް، އެއްވެސް ފަރާތެއްގެ ބިރުދެއްކުމެއް އަދި ނުފޫޒެއް ނެތި ޒިންމާ އަދާކުރުމުގެ މިނިވަންކަން ފަނޑިޔާރުންނަށް ލިބުމެވެ. އެ ސަބަބަށްޓަކައި، ފަނޑިޔާރެއްގެ ނިންމުމެއް ނުވަތަ ރައުޔެއް ގޯސް ކަމަށް ބުނެ އިސްތިއުނާފް މަރުހަލާގެ ބޭރުން ސުލޫކީ ނުވަތަ އެ ނޫން އިޖްރާއާތެއް ފަނޑިޔާރަކާ ދެކޮޅަށް ނުހިންގުމުގެ ޔަގީންކަން ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާއިން ވެސް ކަށަވަރު ކޮށްދެ އެވެ.
ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރަކު ނިންމި ނިންމުމަކާ ގުޅޭ އެއްވެސް މައްސަލައެއް އެ ކޮމިޝަނުން ނުބަލާނެ ކަމަށާއި އެ ކޮމިޝަނުން މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ނަމަވެސް، ސިޔާސީ ކެމްޕެއިންތަކުގައި ހަރަކާތްތެރިވުން ފަދަ ބޮޑެތި ސުލޫކީ ތުހުމަތުތައް ކުރެވޭ ބައެއް ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގައި ޖޭއެސްސީން ލަސްވެފައި، ވަކި މައްސަލައެއް ނިންމުމުގައި ގާނޫނާ ޚިލާފަށް އަމަލުކުރި ކަމަށް ބުނާ ފަނޑިޔާރުންނާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.
ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި ޖޭއެސްސީގެ ކުއްލި ނިންމުންތަކާ ގުޅުވައި، އަބަދުވެސް ދެކެވޭ ވާހަކަތަކަށް ލިބޭ އިތުރު ބާރަކަށް ނޫނީ މިކަންކަން ނުވެ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން އެންމެ ފަހުން ކުރެއްބިޮ ތިން ބޭފުޅުން އެ މަގާމުން ކުއްލި ގޮތަކަށް ދުރުކުރުމާއި އެ ކޯޓުގައި ހިނގަމުންދިޔަ ސިޔާސީ ބޭފުޅުންތަކެއްގެ މައްސަލައާ ދިމާވުމަކީ އިއްތިފާގެއް ކަމަކަށް އަބަދަކު ގަބޫލެއް ނުކުރެވޭނެ އެވެ. އެކި ފަނޑިޔާރުންތަކެއްގެ މައްސަލަތަކުގައި ޖޭއެސްސީގެ އިންސާވެރިކަމާ މެދު އަބަދުވެސް ސުވާލު އުފެދެ އެވެ.
ފަނޑިޔާރަކު ކިތަންމެ ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނާތަކާއި އިޖްރާއާތުތަކާ ޚިލާފަށް ނިންމުންތައް ނިންމިޔަސް، އެކަމަށް ޖަވާބުދާރީ ނުކުރެވި މަގާމުގައި ބަހައްޓަންވީ ހެއްޔެވެ؟. އެ ހާލަތުގައި އެކަން ގުޅެނީ އެ ފަނޑިޔާރެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ ގާބިިލްކަމާ އެވެ. މިސާލަކަށް، ދަށު ކޯޓެއްގެ ފަނޑިޔާރެއްގެ ނިންމުންތައް ގޯސް ކަމަށް މަތީ ކޯޓުތަކުން މާ ގިނައިން ކަނޑައަޅާފައިވާ ނަމަ، އެ ފަނޑިޔާރެއްގެ ގާބިިލްކަން ދަށްވީ އެވެ. ގާބިލްކަމާއި ފެންވަރު ދަށްވާ ފަނޑިޔާރުންނާ މެދު އަމަލު ކުރަން ޖޭއެސްސީގައި ގަވާއިދުތަކެއް އެކުލަވާލެވި، ނިޒާމެއް ކަނޑައަޅާފައި އޮވެ އެވެ. އެކަމަކު އެއީ ސުލޫކީ މައްސަލަތަކެއް ނޫނެވެ.
ބާ ކައުންސިލްގެ ރަައީސް މައުމޫން ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި ހުކުމަކާ މެދު ހިިތްހަމަނުޖެހުމުން ރައްޔިތުންގެ މަޖިލީހާއި ޖޭއެސްސީން އިސްތިއުނާފް މަރުހަލާގެ ކުރިން އެ މައްސަލަތަކުގެ ތެރެއަށް ވަދެ، ބަސް ބުނަން ފެށުމަކީ އިސްތިއުނާފް މަރުހަލާތަކުގެ ބޭނުން ކެނޑި، ކޯޓުތަކުގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމެކެވެ. އަދި ޖޭއެސްސީއަށް ބެލޭނީ ފަނޑިޔާރުގެ ސުލޫކަށް އަސަރު ކުރާ ނުވަތަ ޖިނާއީ އަމަލެއް ހިމެނޭ ނަމަ އެކަން އެކަނި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ހައި ކޯޓު ނުވަތަ އެއަށް ފަހު ސުޕްރީމް ކޯޓަށް [ހިނގައްޖެ] ނަމަ އެ މައްސަލަ އަޑުއަހައި، އިސްތިއުނާފް މަރުހަލާއިން ގޮތްތަކެއް ނިންމުމުގެ ފުރުސަތު އެބަ އޮންނަން ޖެހޭ ސިޔާސީ ނުފޫޒެއް ނުވަތަ ބިިރު ދެއްކުމެއް ނެތި. އެ ނޫން ގޮތަކަށް އަމަލު ކުރަންޏާ ކޯޓުތަކުގެ މިނިވަންކަމަށް އަސަރު ފޯރުމުގެ ފުރުސަތު އެބަ އޮތް،" މައުމޫން ވިދާޅުވި އެވެ.
ޖޭއެސްސީގެ ބޮޑު އަޣުލަބިއްޔަތު ކޮންޓްރޯލްކުރާ ރައްޔިތުންގެ މަޖިލީހުން ވަކިވަކި ހުކުމްތަކާ ގުޅިގެން ބަހުސްކޮށް، މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަކީ ވެސް މައުމޫންގެ ކަންބޮޑުވުމެވެ. ޖޭއެސްސީން ވަކި ގޮތެއް ނުނިންމަނީސް، އެ ކޮމިޝަން ޖަވާބުދާރީ ކުރުވުމުގެ ބާރު އޮތް މަޖިލީހުން އެކަމާ މެދު ބަސް ބުނުމަކީ ނުސީދާ ގޮތެއްގައި ޖޭއެސްސީއަށް ނުފޫޒުތަކެއް އަންނާނެ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
މަގާމުން ދުރުކުރި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވާ ގޮތުން ސުލޫކީ މައްސަލަތަކުގެ ނަމުގައި ޖޭއެސްސީން ގިނައިން ބަލަނީ ކޯޓުތަކުގެ ނިންމުންތަކާ ގުޅުން ހުރި މައްސަލަތަކެވެ. އިސްތިއުނާފްގެ މަރުހަލާގެ ބޭރުން، ޖޭއެސްސީން އެފަދަ މައްސަލަތައް ބެލުމުގެ އެއްވެސް ބާރެއް ގާނޫނީ ގޮތުން އެ ކޮމިޝަނަށް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހުކުމަކަށް ވާސިލްވުމުގައި ފަނޑިޔާރުގެ ރައުޔު ބިނާކުރި ސަބަބުތައް ގާނޫނީ އުސޫލަކާ ޚިލާފްވާ ކަމަށް ދެކޭ ނަމަ ކުރަންވާނީ އިސްތިއުނާފް. އެއީ ސުލޫކީ މައްސަލައަކަށް ބެލުމަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާ ޚިލާފް ކަމެއް. އަދި އެއީ އަދުލު އިންސާފަށް ހުރަސް އެޅުމުގެ އަމަލެއް،" ޑރ. ޑީޑީ ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީން ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިހާރު ބަލާ މައްސަލަތަކުގެ 90 ޕަސެންޓް ގުޅެނީ ޖުޑީޝަލްގެ ނިންމުންތަކާ އެވެ.
އެހެން ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި ހުކުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ، ޖޭއެސްސީއަށް ދިއުމުގެ ސަގާފަތެއް އުފެދުނީ އެ ކޮމިޝަނުން އަމަލު ކުރަން ފެށި ގޮތުންނެވެ. އެފަދަ މައްސަލަތައް ނުބެލޭނެ ކަން ވިސްނައި ދިނުމުގެ ބަދަލުގައި އެ ކޮމިޝަނުން އެފަދަ މައްސަލަތައް ބަލާފައި ހުރި ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ޖޭއެސްސީއާ ހަވާލުވެފައި އޮތް ބޮޑު ޒިންމާ އަދާކުރުމުގައި އެ ކޮމިޝަނަށް ވެސް ހުރަސް ނުކުރެވޭނެ ރޮނގުތަކެއް އެބަ ހުއްޓެވެ. ކޯޓުތަކުން ނިންމާ ނިންމުމަކާ ގުޅިގެން ނުވަތަ މައްސަލައެއް ބެލުމުގައި އަމަލުކުރާ ގޮތުން އެކަން ސުލޫކީ މައްސަލައަކަށް ހެދުމަކީ ޖޭއެސްސީ ގާނޫނީ އިމުން ބޭރުވެ، ކޯޓުތަކަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވެނީ، އެ ރޮނގުތައް ހުރަސްކުރުމުންނެވެ.