28 ޖުލައި 2020 - 09:22

ކޮވިޑް-19 އާއި އެ ބައްޔާ ގުޅިގެން އިންސާނުންގެ ދިރިއުޅުމަށް ކުރިމަތިވި ދަތިތަކާއި އޭގެ ތަޖުރިބާގެ ވާހަކަ ކިޔައިދޭ އެންތޮލޮޖީ ފިލްމެއް ހަދަން ބޮލީވުޑްގެ ޑައިރެކްޓަރުންތަކެއް ނިންމައިފި އެވެ.
އަދި ނަން އިއުލާންނުކުރާ މި ފިލްމަކީ މި އަހަރުގެ ކުރީކޮޅު "ތައްޕަޅު" ގެނެސްދިން ޑައިރެކްޓަރު އަނޫބަވް ސިންހާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގައި އޭނާއާ އެކު އިތުރު ހަތަރު ޑައިރެކްޓަރެއްގެ ސެގްމަންޓްތައް ހިމެނޭނެ އެވެ.
އެ ޑައިރެކްޓަރުންނަކީ ސުދީރު މިޝްރާ އާއި ކޭތަން މެހެތާ އާއި ހެންސެލް މެހެތާގެ އިތުރުން ސުބާޝް ކަޕޫރެވެ. މި މީހުންނާ އެކު ފިލްމު ގެނެސްދޭން ނިންމި ނަމަވެސް ފިލްމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.
ހެންސެލް މެހެތާ އަކީ ރާޖްކުމާރު ރާއޯގެ "އަލީގަޅް" އާއި ކަންގަނާ ރަނާވަތުގެ "ސިމްރަން" އަދި ރާޖްގެ "ސިޓީ ލައިޓްސް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ރާޖާއި ނުޝްރަތު ބަރޫޗާ ފެނިގެންދާނެ "ޝަލާންގް" އެވެ.
ކޭތަން އަކީ "އާރް ޔާ ޕާރް" އާއި އާމިރު ޚާންގެ "މަންގަލް ޕާންޑޭ: ރައިޒިން" އަދި "ރަންގް ރަސިޔާ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނާ އެންމެ ފަހުން ޑައިރެޓްކޮށް ގެނެސްދިނީ 2018 ގެ "ތޯބާ ތޭކް ސިންގް" އެވެ.
ސުދީރަކީ "އިސް ރާތު ކޯ ސުބާ ނެހީ" އާއި ކަރީނާ ކަޕޫރްގެ "ޗަމޭލީ" އާއި "ޔޭ ސާލީ ޒިންދަގީ" ގެނެސްދިން ޑައިރެކްޓަރެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ދާސް ދޭވް" އެވެ.
ސުބާޝް މަޝްހޫރުވީ "ޖޯލީ އެލްއެލްބީ" ގެ ދެ ފިލްމު ގެނެސްދީގެންނެވެ.
މި ފަހަކަށް އައިސް މުޅިންހެން އިޖުތިމާއީ މައްސަލަތަކަށް ފިލްމުތައް ހަދާ އަނޫބަވް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ތުމް ބިން" ގެ ދެ ފިލްމާއި ޝާހްރުކް ޚާންގެ "ރާ.ވަން" އަދި އަޔޫޝްމަން ކްރާނާގެ "އާޓިކަލް 15" ހިމެނެ އެވެ.
ކޮވިޑް-19އާ ބެހޭ އެންތޮލޮޖީ ފިލްމު ހަދަން ހިއްސާވާ ފަސް ޑައިރެކްޓަރުންނަކީ ބޮލީވުޑްގެ ނަމާ ދެކޮޅަށް މިހާރު ކެމްޕޭނެއް ވެސް ފަށާފައިވާ ޑައިރެކްޓަރުންކަން ފާހަގަކޮށްލެވެ އެވެ.