ނޯތު ކޮރެއާ އަށް އެންމެ ފަހުން ވައިރަސް ވަދެއްޖެ، ގައުމު ކުއްލި ހާލަތަށް
ނޯތު ކޮރެއާ އަށް އެންމެ ފަހުން ވައިރަސް ވަދެއްޖެ، ގައުމު ކުއްލި ހާލަތަށް

ޕިއޮންޔޮން (ޖުލައި 26) - ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނުމާ ގުޅިގެން ނޯތު ކޮރެއާގެ ބޯޑަރު ސިޓީއެއް ކަމަށްވާ ކައެސޮން ލޮކްޑައުންކޮށްފި އެވެ.

ނޯތު ކޮރެއާ އަށް އެންމެ ފަހުން ވައިރަސް ވަދެއްޖެ، ގައުމު ކުއްލި ހާލަތަށް
ނޯތު ކޮރެއާ އަށް އެންމެ ފަހުން ވައިރަސް ވަދެއްޖެ، ގައުމު ކުއްލި ހާލަތަށް

ނޯތު ކޮރެއާގެ ލީޑަރު ކިމް ޔޮން އުން އިއްޔެ ވަނީ ޕޮލިޓްބިއުރޯގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ވައިރަސް ކޮންޓްރޯލް ކުރަން އަޅަން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް އަންގަވައިފަ އެވެ. އޭގެ ތެރޭގައި ކުއްލި ހާލަތު އިއުލާން ކުރުން ވެސް ހިމެނެ އެވެ.

ނޯތު ކޮރެއާ އިން ތުހުމަތު ކުރެވުނު ކޭސް ޕޮޒިޓިވް ވެއްޖެ ނަމަ އެއީ އެ ގައުމުގެ ކޮވިޑް-19 ގެ ފުރަތަމަ މީހާ އަށް ވާނެ އެވެ.

ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ މީގެ ތިން އަހަރު ކުރިން އެ ގައުމުން ފިލައިގެން ސައުތު ކޮރެއާ އަށް ދިޔަ މީހަކު މި މަހު 19 ވަނަ ދުވަހު ވަނީ ގަވާއިދާޚިލާފަށް ބޯޑަރު ހުރަސްކޮށް އެނބުރި ގައުމަށް ވަދެފައި ކަމަށެވެ. އެކަމަކު ކޮވިޑް-19 ގެ އެއްވެސް ބަލި މީހަކު ސައުތު ކޮރެއާ އިން ބޭރަށް ނުދާ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ރަސްމީ ނޫސް އެޖެންސީން ބުނެފައި ވަނީ ކޮވިޑް-19 ގެ ބަލި މީހާ ފެނިފައި ވަނީ ސައުތު ކޮރެއާގައި ބޯޑަރުގައި އޮންނަ ސިޓީއެއް ކަމަށްވާ ކައެސޮންގުން ކަމަށެވެ. އަދި އެ މީހާ މިހާރު ވަނީ ކަރަންޓީންކޮށްފައި ކަމަށް ވެސް ބުނެފައިވެ އެވެ.

"މިހާރު އޮތީ ވަރަށް ނުރައްކާ ހާލަތެއް. އޭގެ ސަބަބުން ގެއްލުން ބޮޑު ކާރިސާއަކަށް ވެސް ހިނގައިދާނެ،" ނޫސް އެޖެންސީން ބުނެފައިވެ އެވެ.

މުޅި ދުނިޔޭގައި ކޮރޯނާވައިރަސް ފެތުރެމުން ދިޔަ ނަމަވެސް ނޯތު ކޮރެއާ އިން ކުރިން ބުނަމުން ދިޔައީ އެ ގައުމުގައި ވައިރަސް ނެތް ކަމަށެވެ. އަދި ޗައިނާގައި ވައިރަސް ފެތުރެން ފެށުމާ އެކު ޖެނުއަރީ މަހު ވަނީ ބޯޑަރު ބަންދުކޮށްފަ އެވެ. ޗައިނާ އާއި ނޯތު ކޮރެއާ އިން 1،400 ކިލޯ މީޓަރު (880 މޭލު) ގެ ބޯޑަރު ހިއްސާ ކުރެ އެވެ.

އިއްޔެގެ ބައްދަލުވުމުގައި ކިމް ވިދާޅުވެފައި ވަނީ ވައިރަސް އެންމެ ފަހުން ނޯތު ކޮރެއާ އަށް ވަދެއްޖެ ކަމަށެވެ.