24 އޮކްޓޯބަރ 2016 - 05:41

ޑައިރެކްޓަރު ކަރަން ޖޯހަރްގެ "އޭ ދިލް ހެ މުޝްކިލް" އިންޑިއާގައި ރިލީޒްކުރުމާ ދެކޮޅުހަދަމުން ދިޔަ މަހަރަޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން އެ ފިލްމު ރިލީޒްކުރުމާ ދެކޮޅު ނަހަދަން ނިންމުމާ ގުޅިގެން ކަރަން އާއި އޭނާގެ ޓީމަށް ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ އެވެ.
މައްސަލަ ހައްލުވީ މަހަރަޝްތުރާގެ ޗީފް މިނިސްޓަރު ދެވެންދުރަ ފެޑްނާވިސްގެ މަސައްކަތުންނެވެ. ފެޑްނާވިސް ވަނީ މުމްބައިގައި ހުންނަ އޭނާގެ ގޭގައި އެމްއެންއެސްގެ ޗީފް ރާޖް ތާކަރީ އާއި ކަރަން ޖޯހަރް އަދި ޕްރޮޑިއުސާޒް ގިލްޑްގެ ރައީސް މުކޭޝް ބަޓް އަދި ފިލްމުގެ އެއް ޕްރޮޑިއުސަރު ސިދާރްތު ރޯއި ކަޕޫރާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
މި ބައްދަލުވުމަށް ފަހު މުކޭޝް ބަޓް ބުނީ އެއީ ތާރީޚީ ދުވަހެއް ކަމަށާއި ބައްދަލުވުމުން ނެރެވުނު ނަތީޖާއިން ކަރަން ޖޯހަރަށް ހަމަޖެހުމުގެ ނޭވާއެއް ލެވިއްޖެ ކަމަށެވެ.
މިހާރު އެންމެން އެއްބަސްވެފައިވާ ގޮތުން ފިލްމު ފެށުމުގެ ކުރިން، ޕާކިސްތާނުގެ ހަމަލާގައި މަރުވި ބޯޑަރު ބަލަހައްޓާ ސިފައިންގެ ހަނދާނުގައި ތައްޔާރުކޮށްފައިވާ މަންޒަރުތަކެއް ކަރަންގެ ފިލްމުގައި ހިމަނާނެ އެވެ. އަދި ހޯމް މިނިސްޓްރީން ހުޅުވާފައިވާ އާމްޑް ފޯސަސް ފަންޑަށް ވެސް ވަރަށް ރަނގަޅު ފައިސާގެ އެހީއެއް ކަރަން ވަނީ ދޭން އެއްބަސްވެފަ އެވެ. ބުނެވޭ ގޮތުގައި ކަރަން އެއްބަސްވީ ފަސް ކްރޯޑު (50 މިލިއަން ރުޕީސް) ދިނުމަށެވެ.
އަދި ޕްރޮޑިއުސާޒް ގިލްޑް އިން ވެސް މި ފަންޑަށް ހަމަ އެވަރުގެ އެހީއެއް ދޭނެ ކަމަށް އެ ބައްދަލުވުމުގައި މުކޭޝް ބަޓް ބުނެފައިވެ އެވެ. އަދި މީގެ ފަހުން އިންޑިޔާ ފިލްމެއްގައި ޕާކިސްތާނު އެކްޓަރުން ބައިވެރި ނުކުރާނެކަމުގެ ޔަގީންކަން ޗީފް މިނިސްޓަރަށާއި ރާޖް ތާކަރީ އަށް ކަރަން އާއި މުކޭޝް ވަނީ ދީފަ އެވެ.
އެހެންކަމުން މިހާރު ފިލްމު ރިލީޒްކުރާ ސިނަމާތަކަށް އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށް ހުރިހާ ފަރާތަކުން ވެސް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެންއެސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މީގެ ފަހުން ވެސް ޕާކިސްތާނު އާޓިސްޓުން އުޅޭ އެއްވެސް ފިލްމެއް ރިލީޒްކުރާ ނަމަ އާމްޑް ފޯސަސް ފަންޑަށް 50 މިލިއަން ރުޕީސް ހަދިޔާކުރަން ޖެހޭނެ ކަމަށެވެ. އޭރުން އެ ޕާޓީން ފިލްމު ރިލީޒްކުރުމުގައި ހުރަސްތަކެއް ކުރިމައްޗެއް ނުކުރާނެ އެވެ.
އެމްއެންއެސްގެ މި ނިންމުމުގެ ސަބަބުން ޝާހްރުކް ޚާންގެ "ރައީސް" އާއި "ޑިއާ ޒިންދަގީ" އިން ވެސް ޕާކިސްތާނު އެކްޓަރުންގެ ބައިތައް އުނިކުރާކަށް ނުޖެހޭނެ އެވެ.
ޚަބަރު ލިބޭ ގޮތުގައި މިހާރު ވެސް ޝާހްރުކް އުޅެނީ ޕާކިސްތާނު ބަތަލާ މާހިރާ ޚާން އާއެކު "ރައީސް"ގެ ނުނިމިހުރި ބައިތައް ނިންމުމަށް ކޮންމެވެސް ގައުމެއްގަ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެމީހުން ޝޫޓިން ބާއްވާ ގައުމާއި ތަން ވަނީ ސިއްރުކޮށްފަ އެވެ.
އެމްއެންއެސްގެ މި ނިންމުމަށް އިންޑިއާގެ ސިފައިންނާއި ބައެއް ފަންނާނުން ވެސް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައިވެ އެވެ. ގިނަ މީހުން ބުނަނީ ސިޔާސީ ޕާޓީތައް ރުއްސަން ފިލްމު އިންޑަސްޓްރީން ފައިސާ އޮއްސަން ޖެހޭ ދުވަސް އަތުވެއްޖެ ކަމަށެވެ.