26 ޖުލައި 2020 - 10:29

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް މިހާރު ވެސް އެ މަގާމް ފުރުއްވާ މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުވެވަޑައިގެންފި އެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވުނު އިއްޔެ ބޭއްވި އިންތިހާބުގައި 63 ފަރާތަކުން ވަނީ ވޯޓުލައިފަ އެވެ. ރައީސްގެ މަގާމަށް ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ޗަމްޕީ އެކަނިކަމަށްވުމުން ނެގި ފެންނަ ނުފެންނަ ވޯޓުގައި އޭނާ ހޮވިވަޑައިގަތީ 48 ވޯޓާއެކުގަ އެވެ. ސްވިމިން އެސޯސިއޭޝަން ރައީސްކަމަށް ދެން ކުރިމަތިލެއްވި ޒައިދު އަމްޖަދުގެ ފޯމު ބަލައިނުގަންނަން އިލެކްޓޯރިއަލް ކޮމިޓީން އޮތީ ނިންމައިފަ އެވެ. އެއީ އޭނާ ފޯމު ހުށަހެޅީ ވަގުތު ހަަމަވެފައި އޮއްވައި ކަމަށް ބުނެ އެވެ.
ސްވިމިންގެ ނައިބު ރައީސްގެ މަގާމަށް މި ފަހަރު ވެސް އިންތިހާބުވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އިސްމާއިލް އަލީ އެވެ. އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ 44 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އަހުމަދު ނިޔާޒަށް ލިބުނީ 18 ވޯޓެވެ.
ސްވިމިން އެކްސްކޯގައި ދެން ހިމެނެނީ ކްލަބު ރެޕްރެޒެންޓޭޓިވް ފިރާޝް އަފީފް، ޓެކްނިކަލް މެމްބަރުންގެ ރެޕްރެޒެންޓޭޓިވްގެ އަޙްމަދު ރާއިދު އަލީ، އިންޑިވިޖުއަލް ކުޅުންތެރިންގެ ރެޕްރެޒެންޓޭޓިވްގެ ތެރެއިން އަންހެން ކުޅުންތެރިންގެ ފަރާތުން އަންނަ މެމްބަރު ރަހީމާ އާދަމް އަދި އިންޑިވިޑުއަލް ޕްލެޔާސް ރެޕްރެޒެންޓޭޓިވް ފިރިހެން ކުޅުންތެރިންގެ ފަރާތުން ހަސަން ސިރާޖެވެ. ކޯޗުންގެ ފަރާތުން ހޮވާ މެމްބަރުގެ ވޯޓު އެއްވަރުވުމުން އަލުން އެ މަގާމަށް ފަހުން މެމްބަރަކު އިންތިހާބުކުރާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މުހައްމަދު އަބްދުއް ސައްތާރުގެ ދައުރުގައި ސްވިމިން އިން ގިނަ ފެތުންތެރިންނަށް އެކި ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ. ރާއްޖޭން ބޭރުން ޓްރެއިނިން ޕްރޮގްރާމްތަށް ވެސް ހޯދައިދިނެވެ. ރާއްޖެ އަށް ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތުން ސްވިމިން އިން ލިބުނު ފުރަތަމަ މެޑަލް ހޯދީ ވެސް 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު ފެތުންތެރިޔާ އައިމިނަތު ސަޖަން ލޯ މެޑަލް ހޯދީ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުންނެވެ
އާ ދައުރަކަށް އިންތިހާބުވުމަށް ފަހު އިތުރު މެޑަލްތައް ހޯދުމަށް މުހައްމަދު އަބްދުއްސައްތަރު އަމާޒުހިފާފައިވާއިރު، އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުރިއަށް ވުރެން ވަސީލަތްތަށް ރަނގަޅުވުމެވެ. އެ ގޮތުން މާލޭގައި އަޅާ ސްވިމިން ޕޫލާ އެކު ބޮޑު ކުރިއެރުމެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.