26 ޖުލައި 2020 - 09:35

ބުދަ ދުވަހާ ގުޅޭ
އެ ވަގުތު ކާރުގެ އިންޖީނު ހުއްޓުނެވެ. އެކަމަކު މަގުގެ އެއް ފަރާތާ ހަމައަށް ފޯރިއެެވެ. ވާރޭ ވެހޭލެއް ބޯކަމުން ކާރުން ނުކުންނަން ހިތަށްއަރުވާނީ ވެސް މޮޔައެކެވެ.
"ކީއްވެ ކާރު ހުއްޓެންވީ؟" ހިތާހިތުން މިހާދު ބުނެލިއެވެ.
ކާރު އިސްޓާޓުކުރަން މިހާދު މަސައްކަތް ކުރިއެވެ. ކާމިޔާބެއް ނުވިއެވެ.
"އަޑީ ތެޔޮ ހުސްވީބާ؟" މިހާދު މަޑުމަޑުން ބުންޏެވެ. "ޕެޓްރޯލު ހުސްވީބާ؟"
މިހާދުގެ އެއްވެސް ސުވާލަކަށް ރިފާ ޖަވާބެއް ނުދެއެވެ. މިހާދު ވައްކަޅިން ލޯގަނޑަށް ބަލައިލިއެވެ. ރިފާއެއް ނުފެނެއެވެ.
"ޒާހިރަށް އަންގަންޖެހޭނެ ދޯ؟" މިހާދު ބުނެލިއެވެ.
މިހާދު ހީކުރީ ރިފާ އިނީ ޒާހިރަށް ގުޅައިގެން ކަމަށެވެ. އެހެނަސް، ފަސްއެނބުރި ބަލައިލި އިރު ރިފާ އިނީ ކުޑަދޮރުން ބޭރު ބަލާށެވެ.
"ރިފާ!" މިހާދު ގޮވައިލިއެވެ.
ރިފާ އެނބުރުނެވެ. މިހާދާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"މަ ބުނީ ޒާހިރަށް ގުޅާލާފަ ބުނަންވާނެ ނޫންހޭ ކާރު ހުއްޓިއްޖޭ!" މިހާދު އެދުނެވެ.
"ގުޅާ!" ދެވޭނެ އެންމެ ކުރު ޖަވާބު ރިފާ ދިނެވެ.
މިހާދު ފޯނު ނަގައިފައި ނަންބަރުތަކަށް ފިތައިލި އަޑު ރިފާއަށް އިވުނެވެ. ލަވައިގެ އަޑު މަޑުކޮށްލައިފައި މިހާދު ވާހަކަދެއްކިއެވެ. ކާރު މައްސަލަޖެހިގެން އުޅޭ ވާހަކައާއި، ކާރު އޮތް ހިސާބާއި، ބަލައި އައުމަށް އެދުނެވެ. ދެވަނަ ކޯލު ކުރީ ޒާހިރަށެވެ. ވެގެންއުޅޭ ގޮތް ޒާހިރު ކިޔައިދިނެވެ.
"ރައްޓެއްސަކު އެބަ އާދޭ ބަލާ!" މިހާދު ބުންޏެވެ. "ކުޑަ އިރުކޮޅެއް ވާނެ!"
މައްސަލަ ހައްލުވީއެވެ. ނަމަވެސް ދެ މީހުން ތިބީ ކާރުގައި ހައްޔަރުވެފައެވެ. ނުކުމެވޭނެ ގޮތެއް ނެތެވެ. ދައްކާނެ ވާހަކައެއް ނެތެވެ. އެކަމަކު ދުރާލައި ފިހާރައިގައި ޒާހިރު ތާށިކުރުވައި، ކާރު ހުއްޓުނު ކަމަށް ހެދުމަކީ މިހާދުގެ އުކުޅެކެވެ. ވާރޭއަކީ މިހާދުގެ ހެޔޮ ނަސީބެވެ. މިހާދު އަނެއްކާ ވެސް މޫނޭތިއީ ހިތްއެދޭ ޖަހަން ފެށިއެވެ.
"މީ ހާދަ ރީތި ލަވައެކޭ ދޯ؟" މިހާދު އެހިއެވެ.
އާދައިގެ މަތިން ރިފާ އެއްވެސް ޖަވާބެއް ނުދިނެވެ. އެއީ ރިފާގެ މިޒާޖެވެ. ރިފާއަކީ އެކުވެރިން މަދު، ބަސްމަދު އަންހެނެކެވެ. ނުދަންނަ މީހުންނާ އެކުގައި ތަންތަނަށް ދިޔުމަކީ، އަމުދުން ރިފާ ޖެހިލުންވާ ކަމެކެވެ. މިހާދަކީ ޒާހިރުގެ އެކުވެރިއެކެވެ. މިހާދުގެ ފުރިހަމަ ނަން ވެސް ރިފާ އަކަށް ނޭނގެއެވެ.
"ރިފާ!" މިހާދު ބުންޏެވެ. "އަޅެ އަނގައިން ބުނެބަލަބަ! ހެޔޮނުވާނެ!"
ރިފާ މަޑުމަޑުން ހީނލި އަޑު އިވުނެވެ. އެކަމަކު ވާހަކައެއް ނުދެއްކިއެވެ. މިހާދު ނިކަން ގަޔާވެލައިފައި އެނބުރިލިއެވެ.
"އަޅެ ކޮންމެވެސް އެއްޗެއް ބުނެބަލަ!" މިހާދު އެދުނެވެ.
"ކީކޭ ބުނަންވީ؟" ރަކިވެފައި ރިފާ ސުވާލުކުރިއެވެ.
"ފިރިމީހާ ރުޅިއައިއްސާނެތީ ބިރުގަންނަނީތަ؟" ސަމާސާ ރާގެއްގައި މިހާދު އެހިއެވެ. "ނޫނީ އަހަރެން ދެކެ ބިރުގަންނަނީ؟"
ރިފާ ނޫނެކޭ ބުނީ އިސްޖަހައިލައިގެން އިނދެ ބޮލުގެ އިޝާރާތުންނެވެ.
"އެންމެ ރަނގަޅު. ރިފާ ބޮލުން ވާހަކަދައްކާ!" މިހާދު ބުންޏެވެ. "އަހަރެން ދުލުން ވާހަކަދައްކާނަން. އަހަންނަށް އެނގޭ ދެ މީހުން އުޅެނީ އިނދެގެން ނޫންކަން. ކީއްވެ ނީނދެ ތި އުޅެނީ؟ ތީ އެހާ ރަނގަޅު ކަމެއް ނޫނެއްނު!"
ރިފާ ޖަވާބެއް ނުދިނެވެ. އެ ވާހަކަދައްކަން ރިފާ ހިތަށްއެރިއެވެ. ނުކެރުނީއެވެ.
"އަހަންނަކީ ޒާހިރުގެ ގާތް އެކުވެރިއެއް،" މިހާދު ބޭނުންވާ މިސްރާބަށް ދަތުރު ފެށިއެވެ. "ރިފާ ވެސް ކޮންމެވެސް ވަރަކަށް އަހަރެން ދަންނާނެކަން ޔަގީން. ފަހަރެއްގަ އަހަންނަށް ކޮންމެވެސް އެހީއެއް ވެވިދާނެއްނު! މި ކަހަލަ ގޮތަކަށް އަހަރުމެން ދިމާވުން މީ އިއްތިފާގެއް ނޫން. މި ފުރުސަތު ރިފާ ގެއްލުވާލައިފިއްޔާ ދެން މި ކަހަލަ ޗާންސެއް ނުލިބި ވެސް ހިނގައިދާނެ."
ރިފާ ދައްކަން ޖެހެނީ ބޮޑު ވާހަކައެކެވެ. ފަށްނުކެނޑިގެން ނީނދެވިގެން އުޅޭ ވާހަކައެވެ. އެ ވާހަކަ ބުނުމަށް ޓަކައި ރިފާ ވަރަށް ގިނަ ވާހަކަ ދައްކަން ޖެހޭނެއެވެ. އެހާ ހިތްވަރެއް ރިފާގެ ނެތެވެ. އެހެންވެ އެއްޗެއް ނުބުނެ އިނީއެވެ. މިހާދު ފޯނު ނެގިއެވެ. އެކުވެރިޔާއަށް ގުޅިއެވެ.
"ކޮބާ ކިހާ ހިސާބެއްގަ؟" މިހާދު ސުވާލުކުރިއެވެ. "ފަސް މިނެޓޭ؟ އޯކޭ!"
މިހާދު ފޯނު ބޭއްވިއެވެ. ވިސްނަން ރިފާއަށް ލިބުނީ ފަސް މިނެޓެވެ. ޒާހިރާ އިންނަން ރިފާ ބޭނުމެވެ. މިހާދު މެދުވެރިކޮށް، ފަށްކަނޑަން މީހަކު ހޯދިދާނެ ހެއްޔެވެ؟ ރިފާގެ ހިތުގައި އެ ސުވާލު ތަކުރާރުވާން ފެށިއެވެ. ފައިސާއަށް ހުރިހައި އެއްޗެއް ގަނެވޭނެ ހެއްޔެވެ؟ ފުން ނޭވައެއް ބޭރުކޮށްލައިފައި ރިފާ ވާހަކަދައްކަން ފެށިއެވެ. އަޅައަޅައިގަންނަމުން މަޑުމަޑުންނެވެ. ތިން ފަށް ވަރިޔަކާ ކުރިމަތިލި ގޮތް ރިފާ ކިޔައިދިނީ ރިފާއަށް ކިޔޭނެ އެންމެ ކުރުކޮށެވެ.
"ފަށްކަނޑައިގެން ނޫނީ ދެން ނެތް އިނދެވޭކަށް،" ވަރަށް ސާދާކޮށް ރިފާ ބުންޏެވެ. "ބޭނުން ޒާހިރާ އިންނަން. ދަރިޔަކު ވެސް އެބަހުރި ވިއްޔަ. އަހަރެން އުޅެން ބޭނުމީ ޒާހިރާ އެކީގަ. އޭނަހާ ހެޔޮ މީހަކު ނުލިބޭނެ."
މިހާދު ވިސްނައިލިއެވެ. ކިތަންމެ ދިގެއްކޮށް ވެސް މިހާދަށް ވާހަކަދެއްކިދާނެއެވެ. މިހާދު ބަލާ ކާރެއް ނާދެއެވެ. އެއީ ވެސް މިހާދުގެ އުކުޅެކެވެ. ރިފާ ހާސިލުކުރުމުގެ ހުރިހާ މަގަކާއި ދޮރެއް ބަންދުވެފައި ހުއްޓަސް، ކުޑަދޮރެއް ހުޅުވިފައި ހުރި ތަން މިހާދަށް ފެނުނެވެ.
"އެއީ ދޯ ވެގެން މި އުޅޭ ގޮތަކީ؟ ދެން ފަށްކަނޑަންވީނު!" މިހާދު އެހެން ބުނި އިރު ހީވަނީ އެއީ ވަރަށް ކުޑަކުޑަ ކަމެއްހެންނެވެ.
ރިފާގެ ލަދުރަކިކަމުގެ ފާރު ކޮންމެވެސް ވަރަކަށް ތުނިވިއެވެ. ކޮންމެވެސް ވަރަކަށް ތިރިވިއެވެ. ވާހަކަދައްކާނެ ހިތްވަރު ލިބުނެވެ.
"އައްދެ! ހަމަ ތިހެން ބުނާ އިރަށް ކުރެވޭ ކަމެއްތަ އެއީ؟" ރިފާ ބުނެލިއެވެ.
"އެހެންޏަ! ތީ މެޓައެއްނު؟" ވަރަށް ހަމަޖެހިލައިފައި މިހާދު ބުންޏެވެ. "އަހަންނާ އިންނަން ކެރޭނެ؟"
ކުއްލިއަކަށް ރިފާގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. މިހާދާ އިންނާކަށް ރިފާ ދުވަހަކު ވެސް ނުވިސްނައެވެ. އެއްކޮޅުން މިހާދުގެ އުމުރެވެ. އަނެއްކޮޅުން މިހާދުގެ މުއްސަނދިކަމެވެ. މިހާދު އެ ގޮތަށް ވިސްނަފާނެ ކަމަަކަށް ވެސް ރިފާ ހިޔެއް ނުކުރެއެވެ.
"ކީއްތަވީ؟" މިހާދު އެހިއެވެ. "އަހަރެން ކަޅީ؟ ނޫނީ ހުތުރީ؟ ނޫނީ މާ މުސްކުޅީ؟ ރިފާ ނުޖެހޭނެއްނު އަހަރެންގެ އަންބަކަށް ވެގެން އުމުރު ދުވަހު އުޅޭކަށް."
ރިފާ އިސްޖަހައިލިއެވެ. އެ ކަމާ ފުންކޮށް ވިސްނަން ފެށިއެވެ. ޒާހިރު ގާތުގައި ނާހާ ރިފާ ރުހުން ދޭންވީ ހެއްޔެވެ؟ ފަށްކަނޑަން ވިޔަސް މިހާދަކީ ރިފާއަށް ކަމުދާ މީހެއް ނޫނެވެ. އެހާ މުއްސަނދި މީހަކާ އިންނަން ރިފާ އުޅެފިއްޔާ ޒާހިރު ހިތަށްއަރާނީ ކީކޭ ހެއްޔެވެ؟ މައްސަލައަކީ މިހާދުގެ ތަނަވަސްކަމެއް ނޫނެވެ. ރިފާގެ ފަގީރުކަމެވެ. ރިފާ ވަކި ޖަވާބެއް ނުދިނުމުން މިހާދުގެ ހިތުގައި ނުތަނަވަސްކަން އުފެދެން ފެށިއެވެ.
"ހާދަ ލަސްވެއްޖޭ ދޯ!" މިހާދު ބުނެލިއެވެ. "އަނެއްކާ ވެސް ވެއްޖެ އިސްޓާޓުކޮށްލެވޭތޯ ބަލަން!"
އެ ފަހަރު މިހާދަށް ކާރު އިސްޓާޓުވިއެވެ.
"ނަސީބަކުން އިސްޓާޓު ވެއްޖެ!" އުފާވިކަމަށް ހެދިފައި މިހާދު ބުންޏެވެ.
މަޑުމަޑުން ކާރު ދުއްވައިލިއެވެ. މިހާދު ހިތަށްއެރިއެވެ. އިންނަން ނޭހުނު ނަމައެވެ. ރިފާ ހިތްހަމަނުޖެހިގެން ޒާހިރު ގާތުގައި އެ ވާހަކަދައްކައިފިއްޔާ، ޒާހިރުގެ "އަނބިމީހާއަށް" ލޯބިން ކަޅިއެޅި ނަން މިހާދަށް ނުލިބިއެއް ނުދާނެއެވެ. އެއިން އެކަކު ފެންނަ ހިސާބަށް ދާނެ ހިތްވަރެއް ވެސް މިހާދަކަށް ނުލިބޭނެއެވެ.
"އެއީ ނުދައްކާ ވާހަކައެއް އިނގޭ ރިފާ!" ބުނަން މަޖުބޫރުވެގެން މިހާދު ބުންޏެވެ. "އަހަރެންގެ އެއްވެސް ނުބައި ނިޔަތެއް ނެތް. ތީ އަހަރެންގެ ރައްޓެއްސެއްގެ އަންބެއް. ވަރިކޮށްފަ ހުއްޓަސް އަހަރެން ދެކެނީ ހަމަ އެހެން. ރައްޓެއްސަކަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގަ އަހަރެން އެހެން ބުނީ. އަހަރެން ހިތަށްއެރީ.."
"އަހަރެން އެ ކަމާ ވިސްނާނަން!" ރިފާ ބުންޏެވެ.
"އަހަންނަކީ ޒާހިރާ ރިފާއަށް ވެސް އިތުބާރު ކުރެވޭނެ މީހެކޭ،" މިހާދު ސަމާލުކަން ދީގެން ހުރީ މިހާދުގެ ވާހަކައަށެވެ. "ޒާހިރަކީ ވަރަށް ހިތްހެޔޮ..."
ރިފާ ބުނި އެއްޗެއް މިހާދަށް ރޭކާލީ އެ ހިސާބުންނެވެ.
"އޭނ؟" މިހާދު ހީކުރީ މިހާދަށް އަޑުއިވުނީ ނުބައިކޮށް ކަމަށެވެ. "ރިފާ އެއްޗެއް ބުނިންތަ؟"
"މަ ބުނީ އަހަރެން އެ ކަމާ ވިސްނާނަމޭ!" ރިފާ މަޑުމަޑުން ބުނެލިއެވެ. "ވިސްނާފަ ޖަވާބެއް ދޭނަން!"
މިހާދުގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އިތުރަށް ބުނާނެ އެއްޗެއް ނުވެސް ވިސްނުނެވެ. ފިހާރަ ކައިރިއަށް ގޮސް ޒާހިރު ނަގައިގެން ރެސްޓޯރަންޓަށް ގޮސް ކައި ނިމުނު އިރު ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ކައިވެނީގެ ވާހަކަ ފިޔަވައެވެ. ރިފާއާއި މިހާދުގެ ކައިވެނީގެ ވާހަކަ ދެ މީހުން ކުރެ އެކަކު ވެސް ނުދައްކައެވެ. މިހާދު ހީކުރީ ރިފާ އެ ވާހަކަ ނަގާނެ ކަމަށެވެ. ރިފާ ހީކުރީ ޒާހިރު ގާތުގައި އެ ވާހަކަ ބުނާނީ މިހާދު ކަމަށެވެ.
އެއްވެސް މީހަކާ މަޝްވަރާ ކުރުމުގެ ބަދަލުގައި ރިފާ ވިސްނީ އެކަނިމާއެކަންޏެވެ. ކޮންމެވެސް ދުވަހަކުން ކައިވެނި ކުރަން ޖެހޭނެއެވެ. ލަސްކުރުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ ހަމަ އެކަނި ސުވާލަކީ، ފަހުން މިހާދު ވަރި ނުކޮށްފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިހާދަކީ ކޮން ކަހަލަ މިޒާޖެއްގެ މީހެއް ހެއްޔެވެ؟ ރިފާ އަކަށް ނޭނގެއެވެ. ރިފާ ލޯބިވަނީ ޒާހިރު ދެކެއެވެ. އެހެން މީހަކާ އެކުގައި ދިރިއުޅޭކަށް ރިފާ ދުވަހަކު ވެސް ނުވިސްނައެވެ. ނުވެސް ވިސްނާނެއެވެ. ފަށްކަނޑަން މީހަކާ އިނުމަކީ ވަރަށް ބޮޑު ހިރާހެކެވެ. ރަނގަޅަށް ގޮއްސިއްޔާ ރަނގަޅެވެ. ނުބައިކޮށް ހިނގައްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟
ހަތަރު ދުވަސް ވީއިރު ވެސް ޒާހިރު ގާތަކު ރިފާ އެ ވާހަކައެއް ނުބުނެއެވެ. މުހިންމު ސަބަބެއް އޮތީމައެވެ. ރިފާގެ ޝަރުތެއް އެބަ އޮތެވެ. އެ ޝަރުތު މިހާދު ގަބޫލުކުރާނެ ހެނެއް ރިފާ އަކަށް ހިޔެއް ނުވެއެވެ. ރިފާ ގުޅާނެ ކަމުގެ އިންތިޒާރުގައި އިން މިހާދުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އެހެން ކޯލުތަކެކޭ އެއްފަދައިން އެ ކޯލަކީ ވެސް ރިފާގެ ކޯލަކަށް ވެދާނެކަމަށް މިހާދު އުންމީދު ކުރިއެވެ. ވީ ވެސް އެހެންނެވެ.
"ހަލޯ!" ނުތަނަވަސްކަމާ އެކުގައި މިހާދު ބުންޏެވެ.
"އަހަރެން ބޭނުން އިންނަން،" ފުރަތަމަ ރިފާ ދިނީ އުފާވެރި ޚަބަރެކެވެ. "އެކަމަކު ޝަރުތެއް އެބަ އޮތް!"
ނުނިމޭ