ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
ހުޅުމާލޭ ހޮސްޕިޓަލަށް ވިހަން ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ހުޅުމާލެ ހޮސްޕިޓަލަށް ވިހަން ގެންދިޔަ މީހަކު އެޑްމިޓް ކުރުމުގެ ކުރިން ކޮވިޑް-19 އަށް ހެދި ޓެސްޓް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ އެ މީހާ ޕޮޒިޓިވްކަން އެނގުނީ އެޗްޕީއޭގެ އުސޫލުގެ މަތިން އެޑްމިތްކުރުމުގެ ކުރިން ހެދި ޓެސްޓުން ކަމަށެވެ. ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވުމުން އޭނާ މިހާރު ވަނީ ކޮވިޑް-19 ގެ ބަލި މީހުންނަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ކޮންތެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ހެދީ އިއްޔެ އެވެ. އަދި ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނު އެވެ.

މާބަނޑު މީހުން މީގެ ކުރިން ވެސް ރާއްޖޭން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތުގައި ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ނޫނީ އެޑްމިޓް ނުކުރަން އޮންނަ އުސޫލުގެ ދަށުން ޓެސްޓްކުރި ބައެއް މީހުން ވެސް މީގެ ކުރިން ޕޮޒިޓިވް ވެފައިވެ އެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހަމަ ރާއްޖޭން ފެނިފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް 3،175 މީހުންނެވެ. މީގެ ތެރެއިން 2,498 މީހަކު ރަނގަޅުވެފައި ވާއިރު 15 މީހަކު މަރުވެފައިވެ އެވެ. އަދި ބަލި ޖެހިފައި ވަނިކޮށް 15 މީހަކު ރާއްޖޭން ފުރައިގެން ގޮސްފައިވެ އެވެ. އެހެންވެ ރާއްޖޭގައި ތިބި މި ބަލި ހުރި މީހުންގެ ރަސްމީ އަދަދަކީ 647 އެވެ.