ދެކުނުގެ އަތޮޅުތަކަށް އުދަ އަރައިފާނެ: މެޓް
ދެކުނުގެ އަތޮޅުތަކަށް އުދަ އަރައިފާނެ: މެޓް

މާލެ އަތޮޅުން އައްޑުއާ ދެމެދުގެ ރަށްރަށް އުދަ އަރާނެ ކަމަށް ބެލެވޭތީ މެޓް އޮފީހުން ވައިޓް އެލާޓް ނެރެ ސަމާލުވާން އެދެފި އެވެ.

މެޓުން ބުނީ އުދަ އަރާނެ ކަމަށް ބެލެވެނީ މިއަދު މެންދުރުފަހު 3:00 އިން މިރޭ 7:00 އާ ދެމެދު ކަމަށެވެ.

މީގެ އިތުރުން ފ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމަ އަށް ވެސް މިއަދު 1:45 އިން ފެށިގެން އިރު އޮއްސި 6:00 އާ ހަމަ އަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މި މަހު ރާއްޖޭގެ އެކި ރަށްރަށަށް އުދަ އަރައި ގެއްލުން ވެފައިވެ އެވެ.

މިއަދު ވެސް ރާޅުގެ އުސްމިން 2-3 ފޫޓުގައި ހުންނާނެ ކަމަށް ބެލެވޭއިރު އުދަ އެރުން އެކަށީގެންވަނީ ދިޔަވަރު ބޮޑުވާ ވަގުތު ކަމަށް މެޓުން ބުންޏެވެ.

މެޓުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކާއި ދެކުނަށް މިއަދު ވިއްސާރަކުރާނެ އެވެ. ބައެއް ހިސާބުތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްރަށަށް ވެސް ކުޑަކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނދު ދެކުނުން 3-10 މޭލު ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ދެކުނުން 10-20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ދެކުނަށް އާދައިގެ ގޮތެއްގައި ކަނޑު މަޑުވިޔަސް އެހެން ހިސާބުތަކަށް ލަފާކޮށްފައިވަނީ ގަދަވާނެ ކަމަށެވެ.