"ނަޗް ބަލިޔޭ 10" ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރް؟
"ނަޗް ބަލިޔޭ 10" ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރް؟

ސްޓާ ޕްލަސް އިން ގެނެސްދޭ ޑާންސް ޝޯ "ނަޗް ބަލިޔޭ" ގެ 10 ވަނަ ސީޒަން ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ނަޗް ބަލިޔޭ 10" ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރް؟
"ނަޗް ބަލިޔޭ 10" ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރް؟

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިކަމާ ބެހޭ ގޮތުން ސްޓާ ޕްލަސް އިން މިހާރު އަންނަނީ ކަރަންއާ އެކު މަޝްވަރާކުރަމުންނެވެ. އަދި އެއްބަސްވުމަކަށް އާދެވުމާ އެކު އެކަން ރަސްމީކޮށް އިއުލާންކުރާނެ އެވެ. މީޑިއާތަކުން ބުނީ އެ ޗެނެލުން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޯ ދައްކަން ފަށަން ކަމަށާއި މި ފަހަރުގެ ސީޒަނުގައި ބައިވެރިކުރާނެ ސެލެބްރިޓީން ވެސް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު ގެނެސްދިން "ނަޗް ބަލިޔޭ" ސީޒަން ނުވައެއް ޕްރޮޑިއުސްކުރީ ސަލްމާން ޚާނެވެ. އަދި ޝޯގެ ޖަޖުންގެ ގޮތުގައި ބައިވެރިވީ ކޮރިއޮގްރާފަރު/ޑައިރެކްޓަރު އެހުމަދު ޚާނާއި ބަތަލާ ރަވީނާ ޓަންޑަނެވެ.

"ނަޗް ބަލިޔޭ" އަކީ ކައިވެނިކޮށްގެން ނުވަތަ ލޯބީގެ ގޮތުބް ގުޅިގެން އުޅޭ ޖޯޑްތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ވަރަށް މަގުބޫލު ޝޯއެކެވެ.

މިދިޔަ އަހަރުގެ ސީޒަން ކާމިޔާބުކުރީ ބަތަލާ ޔޫވިކާ ޗައުދަރީ އާއި ރިއަލިޓީ ޝޯ ތަރި ޕްރިންސް ނަރޫލާ އެވެ.

"ނަޗް ބަލިޔޭ" ސީޒަން 10 ޕްރޮޑިއުސްކުރަން ކަރަން އެއްބަސްވެއްޖެ ނަމަ މި ޝޯވެގެން ދާނީ ސީދާ އޭނާ ޕްރޮޑިއުސްކޮށް ޓީވީ ޝޯއެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. ކަރަން އަކީ އަބަދު ވެސް ޓީވީ ޝޯތަކާ ވަރަށް ދޯޅު މީހެކެވެ. އޭގެ ތެރޭގައި އޭނާ ހޯސްޓްކޮށްފައިވާ ޝޯތަކާއި ޖަޖެއްގެ ގޮތުގައި ބައިވެރި ޝޯތައް ހިމެނެ އެވެ.

"ނަޗް ބަލިޔޭ" އަކީ ސްޓާ ޕްލަސް އިން 2005 ގައި ގެނެސްދޭން ފެށި ޝޯއެކެވެ.