24 ޖުލައި 2020 - 22:39

ކޮވިޑް-19 އަށް ރާއްޖެ އިން އިތުރު 55 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން މިރޭ ބުނިގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 21 ބަންގްލަދޭޝްގެ މީހުންނާއި އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެކެވެ.
ކޮވިޑް-19އަށް މިހާތަނަށް ރާއްޖޭން ވަނީ 3،175 މީހުން ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 2،498 މީހުން ރަނގަޅުވެފައިވާއިރު، 15 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެގެން މި ވަގުތު ފަރުވާ ދެމުން އަންނަނީ 647 މީހުންނަށެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި ބަލީގެ ހާލަތު ކޮންޓްރޯލްވެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ. ނަމަވެސް ލޮކްޑައުން އަށް ލުއިތައް ދީ ހުޅުވާލުމާ އެކު ދުވަހެއް ދުވަހަކަށް ޕޮޒިޓިވް މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މާލެ ތެރެއިން އިތުރުވަމުން ދާއިރު، މާލެއިން ރަށްރަށަށް ގޮސް ކަރަންޓީނުވާ ބައެއް މީހުން ވެސް ދަނީ ޕޮޒިޓިވްވަމުންނެވެ. އެކަމަކު ކަރަންޓީނުވާ އެންމެން ވެސް ރަށުތެރެއަށް ނިކުމެވޭނީ 14 ދުވަހަށް ފަހު، ޓެސްޓު ހަދައި އެ ނެގެޓިވްވުމުންނެވެ.
ފާއިތުވެދިޔަ ތިން ހަފްތާ ތެރޭގައި ގުޅުމެއް ނެތް ކޭސްތަކާއި، ފްލޫ ކްލިނިކްތަކަށް ދައްކައިގެން ޓެސްޓު ހަދާ މީހުން ޕޮޒިޓިވްވަމުންދާ ވަރު ގިނަވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.