އެމެރިކާ އިން އެޅި ފިޔަވަޅަށް ޗައިނާ އިން ރައްދު ދީ ކޮންސިއުލޭޓެއް ބަންދުކޮށްފި
އެމެރިކާ އިން އެޅި ފިޔަވަޅަށް ޗައިނާ އިން ރައްދު ދީ ކޮންސިއުލޭޓެއް ބަންދުކޮށްފި

ބެއިޖިން (ޖުލައި 24) - ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް އެމެރިކާ އިން ބަންދު ކުރުމާ ގުޅިގެން، އެ ފިޔަވަޅަށް ރައްދު ދިނުމަށް ޗެންދޫގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ޗައިނާ އިން ބަންދުކޮށްފި އެވެ.

ޗައިނާ އިން ބުނެފައި ވަނީ އެމެރިކާ ކޮންސިއުލޭޓް ބަންދު ކުރުމަކީ އެ ގައުމަށް ދެވުނު ރަނގަޅު ރައްދަކަށް ވާނެ ކަމަށެވެ. އަދި އެއީ އެއްވެސް ސަބަބެއް ނުދައްކާ އެމެރިކާ އިން ކުރާ ކަންކަމުގެ ބަދަލު ހިފުމެއް ކަމަށް ބުނެފައިވެ އެވެ.

"ޗައިނާ އާއި އެމެރިކާއާ ދެމެދު މިހާރު ހިނގާ ކަންކަމަކީ ޗައިނާ އިން ބޭނުންވާ ކަމެއް ނޫން. އެކަމަކު އެކަންކަމުގެ ހުރިހާ ޒިންމާ އުފުލަން ޖެހޭނީ އެމެރިކާ އިން،" ޗައިނާގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވެ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިޕް ޕޮމްޕެއޯ ވިދާޅުވީ ހިއުސްޓަންގެ ކޮންސިއުލޭޓް ބަންދު ކުރަން ޖެހުނީ ޗައިނާ އިން "ފިކުރީ މުދާ ވަގަށް ނަގާތީ" ކަމަށެވެ. ޕޮމްޕެއޯ ވިދާޅުވީ ޗައިނާ އިން ވަގަށް ނަގަނީ އެމެރިކާގެ ފިކުރީ މުދާ އެކަނި ނޫން ކަމަށާއި ޔޫރަޕުގެ ފިކުރީ މުދާ ވެސް ވަގަށް ނަގާ ކަމަށެވެ.

ޗެންދޫގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ހުޅުވާފައި ވަނީ 1985 ވަނަ އަހަރު އެވެ. އެ ކޮންސިއުލޭޓުގައި 200 ވަރަކަށް ސްޓާފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭން 150 މީހުންނަކީ ޗައިނާގެ ރައްޔިތުންނެވެ.

ޗައިނާގައި އެމެރިކާގެ ފަސް ކޮންސިއުލޭޓް ހުރެ އެވެ. އެއީ ޝަންހައި، ގުއާންޒޫ، ޗެންދޫ، ވޫހާން އަދި ޝެންޔަންގަ އެވެ.

އެމެރިކާގައި ޗައިނާގެ ވެސް ފަސް ކޮންސިއުލޭޓް ހުރެ އެވެ. ހިއުސްޓަންގެ ކޮންސިއުލޭޓް ހުޅުވާފައި ވަނީ 1979 ވަނަ އަހަރު އެވެ. އެއީ އެމެރިކާ އާއި ޗައިނާ އިން ސިޔާސީ ގުޅުން ގާއިމްކުރި އަހަރެވެ.