26 ޖުލައި 2020 - 08:51

އިންޑިއާގައި އޮންލައިން ވިޔަފާރީގެ ހިދުމަތް ފުޅާކުރަން ފްލިޕްކާޓުން "ވޮލްމާޓް އިންޑިއާ" ގަނެފި އެވެ.
މި މުއާމަލާތް ހިންގިކަން ފްލިޕްކާޓުން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދިން ނަމަވެސް އެ ކުންފުނި ގަތް އަގެއް ހާމައެއްނުކުރެ އެވެ. ނަމަވެސް އަންނަ މަހުގެ ތެރޭގައި ފްލިޕްކާޓުން "ފްލިޕްކާޓް ހޯލްސޭލް" ލޯންޗްކުރާނެ އެވެ. މިއާ އެކު ފްލިޕްކާޓާއި ވޮލްމާޓްގެ އޮންލައިން ވިޔަފާރީގެ ހިދުމަތް ބޮޑުތަނުން ފުޅާވެގެން ދާނެ އެވެ. މި ވަގުތު އިންޑިއާގެ އޮންލައިން ވިޔަފާރީގައި އެންމެ ނުފޫޒު ގަދަ ކުންފުންޏަކީ އެމެރިކާގެ އެމެޒޯން އެވެ.
ފްލިޕްކާޓުން ގަތް "ވޮލްމާޓް އިންޑިއާ" އަކީ ފްލިޕްލާޓްގެ 77 ޕަސަންޓް ހިއްސާ އެމެރިކާގެ ވޮލްމާޓަށް 2018 ގައި 16 ބިލިއަން ޑޮލަރަށް ވިއްކައިލުމާ އެކު އުފެއްދި ކުންފުންޏެކެވެ. ފްލިޕްކާޓުން ބުނިގޮތުގައި މިހާރުގެ އެ މީހުންގެ އަމާޒަކީ ވިޔަފާރީގެ ފައިދާ ރީޓެއިލް މާކެޓްގައި 650 ބިލިއަން ޑޮލަރަށް އެރުވުމެވެ.
ހަމަމިއާ އެކު ފްލިޕްކާޓުން ޑިޖިޓަލް މާކެޓްގެ ދަށުން ބިޒްނެސް 2 ބިޒްނެސް (ބީ2ބީ) އަށް ވަރަށް ބޮޑަށް ފޯކަސްކުރާނެ އެވެ.
"މީގެ މުހިއްމު އެއް ބަޔަކަށްވާނީ ކުދި އަދ މެދުފަންތީގެ ވިޔަފާރީގެ މެދުގައި ވިއުގަ އަޅައި މާކެޓް މިހާރަށް ވުރެ ބޮޑަށް ފުޅާކުރުން. މީގެ ނަތީޖާއަކަށްވާނީ ކަސްޓަމަރުންނަށް އަގުހެޔޮކޮށް މުދާ ލިބުން،" ފްލިޕްކާޓްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަދި ފްލިޕްލާޓް ހޯލްސޭލްގެ ހެޑް އަދާޝް މެނަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް މަސައްކަތްތައް ބައްޓަންވެގެން ދިއުމުން އެމެޒޯނާ ވާދަކުރަން ހުރި ގޮންޖެހުންތަކަށް އިތުރު ލުއިތަކެއް ވެސް ލިބޭނެ އެވެ.
ފްލިޕްކާޓުން "ވޮލްމާޓް އިންޑިއާ" ގަނެފައިވާތީ އެ ކުންފުނީގެ މުވައްޒަފުން ދެން ދާނީ ފްލިޕްކާޓް ގްރޫޕްގެ ދަށަށެވެ. ވޮލްމާޓްގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންގެ އަދަދު 3،500 އަށް އަރަ އެވެ. ފްލިޕްކާޓްގެ މުވައްޒަފުންގެ އަދަދު 30،000 އަށް ވުރެ ގިނަ އެވެ.
އިންޑިއާގެ އޮންލައިން ވިޔަފާރީގެ 40 ވަރަކަށް ޕަސަންޓް ކޮންޓްރޯލް ކުރާ ފްލިޕްކާޓަކީ 2007 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ.