ކުޅުންތެރިންގެ މަސައްކަތް ފެނިފައި ގައުމީ ކޯޗަށް ހިތްހަމަޖެހުން
ކުޅުންތެރިންގެ މަސައްކަތް ފެނިފައި ގައުމީ ކޯޗަށް ހިތްހަމަޖެހުން

ކޮވިޑް-19ގެ ދިގު ބްރޭކަށް ފަހު އަލުން ގައުމީ ޓީމުގެ ޕްރެކްޓިސް ފެށިތާ ދެ ހަފްތާވީއިރު ކުޅުންތެރިން އެކުގައި ކުރި މަސައްކަތް ފެނިފައި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓީން ކޫޕްމަން ބުނެފި އެވެ.

މިިދިޔަ މަހު އެފްއޭއެމުން ގައުމީ ސްކޮޑު އިއުލާނުކުރަން ބޭއްވި ވީޑިއޯ ކޮންފަރެންސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫޕްމަން އަށް އޭރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުންތެރިން އެނބުރި އަންނައިރު ފިޓްނަސް ލެވެލް ހުންނާނެ ހިސާބެއް ނޭނގުމެވެ. އަދި އަލުން ކުޅުންތެރިން ރަނގަޅަށް ފިޓްކުރަން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް އޭނާ އަށް ކުރިން ހީވި އެވެ. އެހެން ނަމަވެސް ކުޅުންތެރިންގެ ފަރާތުން ޕްރެކްޓިސް ފެށިތާ މިވީ ދެ ހަފްތާއެއްހާ ދުވަސްތެރޭގައި އޭނާ އަށް ފެނުނު މަންޒަރުތަކާ މެދު ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"ހަގީގަތަށް ބުނަންޏާ އަހަންނަށް ލިބުނީ ހައިރާންކަމެއް. ވަރަށް ރަނގަޅު ރޫހެއްގައި އެ ކުޅުންތެރިން އައިސް ޕްރެކްޓިސް އެ ކުރަނީ. ފިޓްނަސް ރަނގަޅުނުވެދާނެ ކަމަށް އަހަންނަށް ހީވެފައި އޮތް ގޮތް މުޅިން ކަހަލަ ގޮތަކަށް ބަދަލުކޮށްލައިފި. އަދިވެސް ވަރަށް ގިނަ މަސައްކަތް އެބަހުރި. ޓްރެއިނިންތައް ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅު ކުރަމުން މިދަނީ،" އެފްއޭއެމްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ކޫޕްމަން ބުނެފައިވެ އެވެ.

ގައުމީ ޓީމުގެ 32 ކުޅުންތެރިންގެ ސްކޮޑެއް ނަގައިގެން ޕްރެކްޓިސްތައް މި މަހު ކުރީކޮޅުގައި ފެށި ނަމަވެސް އަދިވެސް އެކި ސަބަބުތަކާ ހުރެ ބައެއް ކުޅުންތެރިންނަށް ޕްރެކްޓިހުގައި ބައިވެރިނުވެވެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު މުހައްމަދު ފައިސަލް، ފޯވާޑް އާދަމް ނިޒާމް (ކިތުނާ)، ނާއިޒު ހަސަން (ދާދު) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހިމެނެ އެވެ.

ކޫޕްމަން ރާއްޖެ ލައްވައި ކުޅުވަން ބޭނުންވަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ޕޮޒެޝަން ފުޓްބޯޅައެއްކަމަށް އޭނާ އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި މަތިން ކުރިއަށް ބޯޅަތަކެއް ޖަހައިގެން ކުޅެގެން ރާއްޖެ އަށް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ހާސިލްކުރެވޭނެ އެއްޗެއް އޮތްކަމަށް ނުދެކޭ ކަމަށާއި އެންމެ މޮޅު ގޮތަކީ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިންނާ ގުޅޭ ކަހަލަ ފުޓްބޯޅައެއް ކުޅުން ކަމަށް ކޫޕްމަން ގަބޫލުކުރެ އެވެ.

"ޓްރެއިން މިކުރަނީ ހަަމައެކަނި ޓްރެއިން ކޮށްލާކަށް ނޫން. ޓްރެއިން މި ކުރަނީ ދުވަހަކަށް ވުރެން ދުވަހެއް ރަނގަޅުވާން. އަހަރެންގެ ރޭވުންތެރިކަމާ އެއްގޮތަށް މި ކުޅުންތެރިން ކުރިއަށްދާން. މި ވިސްނުންތަކާ އެކު ކުޅުންތެރިން މަސައްކަތްކުރާކަން އެބަފެނޭ. ކުރިއަށް އޮތް ދެ މަހާއި ބައި ވަރަށް ރަނގަޅަށް މަސައްކަތްކުރާނެ ކަމުގެ އުއްމީދު އެބައޮތް،" ނެދަލެންޑްސްގެ ކްލަބްތަކާއި ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމު ދެން އެންމެ އަވަހަށް ކުޅޭ މެޗަކީ ކޮލިފައިންގައި އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭނެ އެވެ. މި ގްރޫޕްގެ ފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ބައްދަލުކުރާނީ ފިލިޕީންސްއާ އެވެ. މި މެޗުތަަކަކީ މިދިޔަ މާޗް މަހާއި މިދިޔަ މަހަށް ކުރިން ތާވަލުކޮށްފައި އޮތް މެޗުތަކެކެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ފަސްކުރަން ޖެހުނީ އެވެ.

"ކޮންމެ ގޮތެއް ވިޔަސް އަހަރެމެން ޓްރެއިން މިކުރަނީ އޮކްޓޫބަރާއި ނޮވެމްބަރުގައި މި އޮތް މެޗުތަކުން ޕޮއިންޓް ހޯދަން. އެ ރޫހުގައި މަސައްކަތްކޮށް ޓީމުގައި ހިމެނެން ހުރިހާ ކުޅުންތެރިން މަސައްކަތްކުރަންވީ،" ކޫޕްމަން ބުންޏެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސް ވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ. މި ފަހަރު ކޮލިފައިން ގްރޫޕްގައި ނިންމާ ހިސާބަކުން އޭޝިއަން ކަޕް ކޮލިފައިންގައި ކުރިއަށްދާން ފަސޭހަވާނެ އެވެ.