ސަމާލުކަން ދެނީ ޓްރަމްޕަކަށް ނޫން، މައްސަލަތަކަށް: ހިލަރީ
ސަމާލުކަން ދެނީ ޓްރަމްޕަކަށް ނޫން، މައްސަލަތަކަށް: ހިލަރީ

ވޮޝިންޓަން (އޮކްޓޯބަރު 23) - ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ސަމާލުކަން ދެނީ ވާދަވެރި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދައްކަވާ ވާހަކަތަކަށް ރައްދު ދޭން ނޫން ކަމަށާއި އޭގެ ބަދަލުގައި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރާނެ ގޮތްތަކަށް ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުގައި މަތިންދާ ބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިލަރީ ވިދާޅުވީ ޓްރަމްޕާ ހަތަރު ގަޑިއަށް ވުރެ ގިނައިރު ބަހުސް ކުރި ކަމަށާއި ޓްރަމްޕް ދެއްކެވި އެއްވެސް ވާހަކައަކަށް ރައްދު ދޭން ހިތަށް ވެސް ނާރާ ކަމަށެވެ.

ވޯޓުލާން 16 ދުވަހަށްވެފައިވާ އިރު ހިޔާލު ހޯދުންތަކުން ކުރީގައި އުޅުއްވަނީ ހިލަރީ އެވެ.

ޖިންސީ ގޯނާކުރި ކަމަށް ޓްރަމްޕާ ދެކޮޅަށް ވާހަކަ ދައްކާފައިވާ އަންހެނުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ހިލަރީ ދެކޭ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން އެކަމަނާ ވިދާޅުވީ ސަމާލުކަން ހުއްޓިފައި ވަނީ ނޮވެމްބަރު މަހު 8 ވަނަ ދުވަހު ވީހާ ވެސް ގިނަ ޑިމޮކްރެޓުން ކޮންގްރެސްގެ ގޮނޑިތަކަށް ހޮވަން ކަމަށެވެ.

"ޓްރަމްޕް ބޭނުން ވާހަކައެއް ދައްކަވަންވީ. ބޭނުން ގޮތަކަށް ކެމްޕޭން ހިންގަންވީ،" ހިލަރީ ވިދާޅުވި އެވެ. "އެމެރިކާ މީހުން ބޭނުން ވާނީ އެ މީހުންނަށް އަޅާލާނެ ވެރިއެއް. އެ މީހުންގެ އަޑުއަހާނެ ވެރިއެއް."