23 ޖުލައި 2020 - 16:59

ބެއިޖިން (ޖުލައި 23) - ޗައިނާގެ ފާމަޝޫޓިކަލް ގްރޫޕުން އުފައްދާ ކޮރޯނާވައިރަހުގެ ވެކްސިން މި އަހަރުގެ ފަހުކޮޅު ލިބޭނެ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް (ސިނޯފާމް) ގެ ޗެއާމަން ލިއު ޖިންގްޒެން ވިދާޅުވީ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓްރަޔަލްތައް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ސިނޯފާމުގެ ޔުނިޓެއް ކަމަށްވާ ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕުން ބުނެފައި ވަނީ ވެކްސިން ލަސްވުމުގެ އެންމެ ބޮޑު ސަބަބަކީ ޗައިނާގައި ކޮވިޑް-19 ގެ ބަލި މީހުން މަދުވުމުން، ޓެސްޓް ކުރަން އެކަށީގެންވާ ވަރަށް މީހުން ނުލިބުން ކަމަށެވެ. ނަމަވެސް މިހާރު ވަނީ ބޭރު ގައުމުތަކުގައި ވެކްސިންގެ ޓްރަޔަލްތައް ފަށައިފަ އެވެ. އޭގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނެ އެވެ.
ޗައިނާގެ ސިނޮވްކް ބަޔޯޓެކުން ވަނީ ވެކްސިންގެ ޓެސްޓްތައް ބްރެޒިލްގައި ކުރަން ފަށައިފަ އެވެ.
ވެކްސިންގެ އުފެއްދުމުގެ މަސައްކަތުގައި އޮކްސްފޯޑް ޔުނިވާސިޓީ އާއި އެމެރިކާގެ މޮޑާނާ އަދި ޖަރުމަނުގެ ބިއޯންޓެކުން ވަނީ ކާމިޔާބު ހޯދައިފަ އެވެ. އެ ކުންފުނިތަކުގެ ވެކްސިން ވެސް އަންނަ އަހަރުގެ ކުރީކޮޅު ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.