23 ޖުލައި 2020 - 15:48

އަންހެނުންނަށާއި ކުޑަކުދިންނަށް އެކި ކަހަލަ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުތައް ކޮށްފައިވާ ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލް މާފަށް އެދިއްޖެ އެވެ. އެކަމަކު އޭނާ ބުނެފައި ވަނީ "އޭނާގެ ފަރާތުން އެއްވެސް މީހަކަށް އުނދަގުލެއް ނުވަތަ ނުތަނަވަސް ކަމެއް ކުރިމަތިވެފައިވާ ނަމަ މާފަށް އެދޭ" ކަމަށެވެ.
އެމްއާރްއެމްގެ ސްލޮޓެއްގައި ހުންނަ ފަޒީލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތައް ކުރުމުން އެމްއާރްއެމްގެ އެދުމުގެ މަތިން އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފަ އެވެ. އެކަމާ ގުޅިގެން އެމްއާރުއެމްގެ ހަރަކާތްތަކުން ވެސް އޭނާ އެކަހެރިކޮށް އެ ޕާޓީން ވެސް އަންނަނީ މައްސަލަ ބަލަމުންނެވެ.
ފަޒީލް މިއަދު ކުރި ޓުވީޓެއްގައި ބުނީ ސޯޝަލް މީޑިއާގައި ކުރަމުންދާ ތުހުމަތުތައް ވީ އެންމެ އަވަހަކަށް ބަލައި ތަހުގީގުކުރުމަށް މިދިޔަ އަންގާރަ ދުވަހު އޭނާ އަމިއްލަ އަށް ފުލުހުގައި އެދިފައިވާނެ ކަމަށެވެ. އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަށް އުނދަގުލެއް ވެފައިވާ ނަމަ އެކަމަށް މާފަށް އެދޭ ކަމަށް ބުނެފައި ވެ އެވެ.
"އަޅުގަނޑުގެ ފަރާތުން އުނދަގުލެއް، ނުތަނަވަސްކަމެއް ލިބިފައިވާ ފަރާތެއް ހުރެދާނެކަމަށްޓަކައި އެ ފަރާތެއްގެ ކިބައިން ނުހަނު މަޢާފަށް އެދެން. އަދި އެފަދަ ފަރާތެއް ވާނަމަ ކަމާބެހޭ ފަރާތްތަކަށް އެކަން ހުށަހަޅުން އެދެން،" ފަޒީލް ބުންޏެވެ.
"އެފަދަ ކަމެއް އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުގެ ފުށުން ނުހިނގާނެ. އަދި އެއިންކަމެއް އަޅުގަނޑުގެ ފުށުން ވިޔަނުދިނުމަށް މިހިރީ އަޒުމް ކަނޑައަޅައިގެން."
އޭނާ ވަނީ އޭނާގެ އުމުރުން 17 އަހަރުގައި ކުރި ކަމަށް ތުހުމަތު ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ދޮގުކޮށްފަ އެވެ. އޭރު އެ މައްސަލަ ބަލަން ފެށުމުން ސިޔާސީ ނުފޫޒުން އެކަން ހުއްޓުވާފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން އޭނާ ބުނީ އޭރު ސިޔާސީ އެއްވެސް ކަމެއްގައި އުޅެފައި ނުވާނެ ކަމަށެވެ.
ފަޒީލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި އޮރިޔާން ފޮޓޯ ފޮނުވުން ފަދަ ކަންކަން ހިމެނެ އެވެ.