ޔޫރޮޕާގައި ސަންޗޭޒް ކުޅުވާނަމަ ފީ އެއް ދައްކަންޖެހޭނެ
ޔޫރޮޕާގައި ސަންޗޭޒް ކުޅުވާނަމަ ފީ އެއް ދައްކަންޖެހޭނެ

މިލާން (ޖުލައި 23) - އަންނަ މަހު ޔޫރޮޕާ ލީގުގެ ކުޅުން އަލުން ފަށާއިރު އެ މުބާރާތްތަކުގެ މެޗުތަކުގައި އިންޓަ މިލާނުން އަލެކްސިސް ސަންޗޭޒް ކުޅުވާނަމަ މެންޗެސްޓާ ޔުނައިޓެޑަށް ފީ އެއް ދައްކަން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގައި ސަންޗޭޒް އިންޓަ އަށް ދޫކޮށްލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި ސަންޗޭޒްގެ މުސާރައިގެ ބޮޑުބައި އަދިވެސް ދެނީ ޔުނައިޓެޑުންނެވެ. އިންޓަ އިން ހަފްތާ އަކު 121،905 ޑޮލަރު ދޭއިރު، 365،714 ޑޮލަރު ދޭނީ ޔުނައިޓެޑުންނެވެ. ކޮވިޑް-19ގެ ސަބަބުން ސީޒަން ދިގުލައިގެން ގޮސް ކުރު މުއްދަތުގެ ކޮންޓްރެކްޓެއްގައި އިޓާލިއަން ލީގު ނިމެންދެން ސަންޗޭޒް އިންޓަ އަށް ކުޅެވޭ ގޮތަށް ޔުނައިޓެޑާ އެކު މިދިޔަ މަހު ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.

އެކަމަކު އެ އެއްބަސްވުމުގައި އިންޓަ އިން ޔޫރޮޕާ ލީގު ނިމެންދެން ސަންޗޭޒް މަޑުކުރެވޭނެ ގޮތެއް ހަދަން އެދުނު ނަމަވެސް ޔުނައިޓެޑުން އެގޮތަށް އެއްބަހެއްނުވި އެވެ. އެއީ ޔޫރޮޕާ ލީގުގައި ޔުނައިޓެޑް ވެސް ވާދަކުރަމުންދާތީ އެވެ. މިހާރު އޮތްގޮތުން ޔުނައިޓެޑާއި އިންޓަ ހުރިހާ މެޗަކުން މޮޅުވަމުންދާނަމަ އެ މުބާރާތުގެ ފައިނަލުގައި އެ ދެ ޓީމު ބައްދަލުކުރަންޖެހުމުގެ ފުރުސަތު އެބައޮތެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މިހާރު ޑިމާންޑް ކޮށްފައިވަނީ ސަންޗޭޒް ޔޫރޮޕާ ލީގުގައި ކުޅުވާ ކޮންމެ މެޗަކަށް ވަކި ފީ އެއް އިންޓަ އިން ދޭ ގޮތަށް އެއްބަސްވުމަށެވެ. އެ ގޮތުން ފައިނަލު މެޗާ ހަމައަށް ހުރިހާ މެޗެއްގައި ސަންޗޭޒް ކުޅެފިނަމަ ފީގެ އަދަދު 18 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ބަދަލުގައި މިހާރު އިންޓަ އިން މަޝްވަރާކުރަމުން އަންނަނީ 25 މިލިއަން ޑޮލަރު ދައްކައިގެން ސަންޗޭޒްގެ އެއްބަސްވުން ދާއިމީ ކުރާށެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ އަގަށް ޔުނައިޓެޑުން ވެސް އެއްބަސްވާނެ އެވެ.

މީގެ ކުރިން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އަންނަ ސީޒަނުގެ ޕްލޭނުގެ ތެރޭގައި ސަންޗޭޒަށް ފުރުސަތު ދޭނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެކަމަކު މީގެ އެންމެ ފަހުގެ ގޮތެއް ނިންމާނީ ސަންޗޭޒް ބޭނުންވާ ގޮތެއް އޮޅުންފިލުވުމަށް ފަހު ކަމަށް އޭރު ބުންޏެވެ.

އުމުރުން 31 އަހަރުގެ ސަންޗޭޒަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ވެސް ގިނަ މެޗުތަކެއް ގެއްލިފައިވާއިރު އޭނާ އަށް ޖެހުނީ ތިން ގޯލެވެ. ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން ފެށި ފަހުން ސަންޗޭޒް އަށް ގިނަ މެޗުތަކެއްގައި އަންނަނީ ފުރުސަތު ލިބެމުންނެވެ.

އަންނަ މަހު ފަހެއްގައި ޔޫރޮޕާ ލީގުގެ މެޗުތައް ފަށާއިރު ގަދަ 16 ޓީމުގެ ބުރުގައި އިންޓަ ކުޅެން ޖެހިފައިވަނީ ސްޕެއިނުގެ ގެޓަފޭއާ އެވެ. އަދި ޔުނައިޓެޑް ކުޅޭނީ އޮސްޓްރިއާގެ ލާސްކްއާ އެވެ. ޔުނައިޓެޑް ވަނީ ލާސްކް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 5-0 އިން މޮޅުވެފަ އެވެ. ޔޫރޮޕާ ލީގު ސެންޓްރަލައިޒް ކޮށް ކުޅެން ނިންމައި ކުއާޓާ ފައިނަލާ ހަަމައިން ހުރިހާ މެޗެއް އޮންނާނީ ޖަރުމަނުގަ އެވެ.