ދީބާޖާ އަށް ބަދަލު ދޭ ވަރުގެ ގެއްލުމެއް ލިބުނުކަން ފެންނާކަށެއް ނެތް: އޮޑިޓަ ޖެނެރަލް
ދީބާޖާ އަށް ބަދަލު ދޭ ވަރުގެ ގެއްލުމެއް ލިބުނުކަން ފެންނާކަށެއް ނެތް: އޮޑިޓަ ޖެނެރަލް

ފެރީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުން އުވާލުމުން ބޮޑު ބަދަލެއް ދީބާޖާ އަށް ދޭން ކޯޓުގެ ހުކުމަކުން އަދި ރައީސް އޮފީހުގެ ސެޓްލްމެންޓް ކޮމިޓީން ނިންމާފައި އޮތް ނަމަވެސް އެ ކުންފުންޏަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ޖެހޭ ވަރުގެ ގެއްލުމެއް ލިބުނު ކަމެއް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ދީބާޖާ އަށް ބަދަލު ދޭ ވަރުގެ ގެއްލުމެއް ލިބުނުކަން ފެންނާކަށެއް ނެތް: އޮޑިޓަ ޖެނެރަލް
ދީބާޖާ އަށް ބަދަލު ދޭ ވަރުގެ ގެއްލުމެއް ލިބުނުކަން ފެންނާކަށެއް ނެތް: އޮޑިޓަ ޖެނެރަލް

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

މި ސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެކަމަކު ގާނޫނީ ފަރާތްތަކުން އުފެއްދި ސުވާލުތަކާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުންގެ ހުރަސްއެޅުއްވުންތަކާ އެކު ސަރުކާރަށް މަޖުބޫރުވީ މި ނިންމެވުން އަނބުރާ ގެންދާށެވެ. އެހެންވެ ފައިސާ ނުދީ، ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާކޮށްދޭން ދައުލަތުން އެދި އެ ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ދީބާޖާ މައްސަލައިގައި، މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓް އޮފީހުން ހެދި ޚާއްސަ އޮޑިޓުގައި، އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ ދައުލަތުން އެއްވެސް ބަދަލެއް ދީބާޖާ އަށް ނުދިނުމަށެވެ.

މި އޮޑިޓުގެ ތަފްސީލް މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާ ހިއްސާކުރައްވަމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ (ނ، ރ. ބ. ޅ) ގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާ އެކު ވީ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެކަމަކު ފެށުމުގައި ވެސް ދީބާޖާ އިން އަމަލުކުރަމުން އައީ އެއްބަސްވުމާ ޚިލާފަށް ކަމަށާއި އެއީ ސަރުކާރުން ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ފުރިހަމަ ނުވެ އޮތުމުން ނޫން ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"[ދީބާޖާ އެކު އެއްބަސްވި ފެރީގެ] ޚިދުމަތަށް އެތައް ބަޔަކު ބަރޯސާވެ ތިބި. އެހެންވެ އެއްބަސްވުމުގައި ސާފުކޮށް ބުނަނީ ޚިދުމަތް ފަސް ދުވަހަށް މެދުކެނޑިއްޖިއްޔާ އެއްބަސްވުން ބާތިލްކުރެވިދާނެއޭ. އަޅުގަނޑުމެން ބެލިބެލުމުން މި ކޮންޓްރެކްޓް ވަރަށް ސާފު، ބާތިލްކޮށްގެން ދައުލަތަކުން ބަދަލެއް ދޭން ޖެހޭނެ ކަމަަކަށް ނުފެނެއޭ،" ޒިޔަތު ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން މެމްބަރުންނަށް ހުށަހެޅި ޕްރެޒެންޓޭޝަންގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ދީބާޖާއާ އެކު އެއްބަސްވުމެއް ހެދީ ރައްޔިތުންނަށް ފަސޭހަކަމާ އެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ފަހިކުރަން ކަމަށްވާ އިރު އެ މަގްސަދު ހާސިލް ނުވުމެވެ.

އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ނުދީގެން ޝަކުވާކޮށް ކައުންސިލްތަކުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ސިޓީ ފޮނުވާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ބ. ތުޅާދޫގެ ދަތުރުފަތުރު ހުއްޓުމުން އެކަން ހައްލު ކޮށްދިނުމަށާއި ނ. އަތޮޅާއި ރ. އަތޮޅު ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން ދީބާޖާއާ ބައްދަލުކޮށް އެކަން ހައްލުކޮށްދޭން އެދިފައިވާ ކަން ފެންނަން އޮތް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

ޚިދުމަތް ފަށާއިރު 13 ފެރީ ބޭނުންކުރަން ޖެހޭ ގޮތަށް އެއްބަސްވުމުގައި އޮތަސް ދީބާޖާ އިން ދަތުރުތައް ފެށީ 8 ފެރީއާ އެކުގަ އެވެ. ޝެޑިއުލާ އެއްގޮތަށް ޚިދުމަތް ނުދޭކަން ފެންނަ ލިޔެކިޔުންތައް ހުރި ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ. ބައެއް ސަރަހައްދުތަކުގެ ޚިދުމަތް ހުއްޓިގެން މިނިސްޓްރީން ކަންބޮޑުވެ، ފެރީގެ ޚިދުމަތް އަލުން ފެށޭނެ މުއްދަތުތަކެއް ދޭން ދީބާޖާ އަށް އެދިފައިވެ އެވެ.

އެ ކުންފުނީގެ ޗެއާމަން ޝާހީން މުހައްމަދު މިދިޔަ ޖެނުއަރީ މަހު "މިހާރު"އަށް ވިދާޅުވެފައި ވަނީ ސަރުކާރާ އެކު ވި އެއްބަސްވުމާ އެއްގޮތަށް ޚިދުމަތް ދިޔައީ ފުޅާކުރަމުން ކަމަށެވެ. ފެރީ ނިޒާމް ވަރުގަދަކުރަން ރ. ފައިނުގައި ބޮޑު ހަރުގެއެއް ހަދައި ފެރީތައް ބަނުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެ ހުރިހާ ފެރީތަކަށް އިންޖީނު ވެސް ގަތް ކަމަށް ވިދާޅުވި އެވެ. ސަރުކާރުން އެއްބަސްވުން އުވާލުމުން ފެރީތައް ނީލަން ކިޔަން ޖެހުނު ކަމަށާއި ހަރުގެއަށް އެކަނި ވެސް ދެ މިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން މުވައްޒަފުންގެ ޚަރަދާއި ސަރުކާރުން ދޫކުރި ރަށް ތަރައްގީކުރަން ވެސް ބޮޑު ހޭދައެއް ކުރި ކަމަށް ވިދާޅުވި އެވެ.

އެކަމަކު އޮޑިޓް އޮފީހުން މިއަދު ބުނީ މިފަދަ އެއްވެސް ލިޔެކިޔުމެއް ދީބާޖާ އިން ނުލިބުނު ކަމަށެވެ. އެއްބަސްވުން އުވާލީ މެއި، 30، 2013 ގަ އެވެ. ހަމަ އެ ދުވަހު ދެ ސޮފްހާގެ ސިޓީއަކުން 2.4 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ހުށަހެޅި އެވެ.

އޮޑިޓް އޮފީހުން ބުނިގޮތުގައި ދީބާޖާ އިން މި އެއްބަސްވުމާ އެއްގޮތަށް އެއްވެސް އިންވެސްޓްމެންޓެއްކޮށްފައިވާ ނަމަ އެ ތަފްސީލްތައް ދޭން އެދުނެވެ. އެކަމަކު އެ ޚަރަދުކޮށްފައިވާ ކަމުގެ އެއްވެސް ލިއުމެއް ދީބާޖާ އިން ފޯރުކޮށް ނުދޭ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

"އެ ބޭފުޅުން ދިން ޖަވާބަކީ މިހާ ދުވަސްވެގެން ދިޔައީމާ އެ ތަކެތި ނުބަލަހައްޓާ ކަމަށް. އެއްވެސް ލިޔެކިޔުމެއް މިހާރަކު ނެތް ކަަމަށް. އަޅުގަނޑުމެން ބެލިން، ބިންތަކުގައި އެއްވެސް ޚަރަދެއް ކޮށްފައެއް ނެތް،" ޒިޔަތު ވިދާޅުވި އެވެ.

"ދީބާޖާ އިން ބަދަލު ހޯދަން ޓްރާންސްޕޯޓަށް ހުށަހެޅި ދެ ގަނޑު އަޅުގަނޑުމެން ވެސް ބަލާލިން. އެއަކު ނެތް ފެރީ ޚިދުމަތުގެ އެއްވެސް ރެވެނިއުއެއް ވެސް އެކްސްޕެންސެސްއެއް ވެސް. އޭގައި ހުރީ އެ ބޭފުޅުންގެ ރިސޯޓް ހިންގައިގެން ފެރީ ޓާމިނަލް، ގެސްޓް ހައުސް ހިންގައިގެން ލިބޭނެ އާމްދަނީ 50 އަހަރު ދުވަހަށް އަންދާޒާކޮށްފައި،" ޒިޔަތު ވިދާޅުވި އެވެ.

ބަދަލު ދޭން ސިވިލް ކޯޓުން ހުކުމް ކުރީ އޮޑިޓަރެއްގެ ލިއުމަަކަށް ބަލާފައި ކަމަށް އޮތަސް ޓްރާންސްޕޯޓަށް ހުށަހެޅި ދެ ގަނޑުގައި އެއްވެސް އޮޑިޓަރަކު ސޮއިކޮށް، ސްޓޭމްޕް ޖަހާފައި ނުވާ ކަން ޒިޔަތު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ޝައްކު މިއީ އޮޑިޓަރެއް ތައްޔާރުކޮށްފައި އޮތް ލިއުމެއް ކަމަށް. ދެން ހުރި އެސެސްމެންޓްސްތައް ވެސް އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް އަންޑަސްޓޭންޑެއް ނުވޭ. އޭގައި ޕްރޮޖެކްޝަންސް ގެނެސްފައި ހުރީ ކިހިނެއް ކަމެއް ވެސް ނޭނގެ. ލިއުމެއް ހުށަހަޅާފައި އެބައޮތް، އޭގެއިން މި ދައްކަނީ 47 އަހަރަށް ހަދާލީމާ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެކޭ ގެއްލިގެން މިދަނީ،" ހަސަން ވިދާޅުވި އެވެ.

ދީބާޖާ އިން ދެ ބިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން ސިވިލް ކޯޓުގައި އެދުމުން، 348 ބިލިއަނަށް ދަށްވީ ކިހިނެއްތޯ މެމްބަރުން ސުވާލު އުފެއްދެވި އެވެ. ކޯޓުން އެ އަދަދު ގެނެސްފައިވާ ގޮތެއް ލިޔެކިއުމުން އޮޑިޓް އޮފީހަށް ސާފު ނޫން ކަމަށް ޒިޔަތު ވިދާޅުވި އެވެ.