25 ޖުލައި 2020 - 08:42

ސެމްސަންގުން މިދިޔަ އަހަރު ނެރުނު ފަތްޖެހޭ ފޯނުގެ ދެވަނަ ވާޝަން ގެލެކްސީ ޒީ ފްލިޕް 5ޖީ ނެޓްވޯކާ އެކު ގެނެސްދޭކަން ކަށަވަރުކޮށްދީ އަންނަ މަހުގެ 7 އިން ފެށިގެން ވިއްކަން ނިންމައިފި އެވެ.
ސެމްސަންގުން ބުނި ގޮތުގައި ފްލިޕް ޒީ އަކީ ގެންގުޅެން ހެޔޮވަރު، ފަސޭހަ އަދި ބޭނުންކުރަން ވެސް ވަރަށް ފަސޭހަ އުފެއްދުމަކަށް ވާނެ އެވެ. މީގެ ފީޗާތަކުގެ ތެރޭގައި ކްއަލްކޮމް ސްނެޕްޑްރެގަން 865 ޕްލަސް 5ޖީ މޮބައިލް ޕްލެޓްފޯމް އިންނާނެ އެވެ. މީގެ ސަބަބުން 5ޖީ ނެޓްވޯކް ލިބުން މާ ބޮޑަށް ވެސް ވަރުގަދަކޮށްދޭނެ އެވެ.
ގެލެކްސީ ފްލިޕް ޒީ ދެ ކުލައެއްގައި ނެރޭނެ އެވެ. އެއީ މިސްޓިކް ގްރޭ އާއި މިސްޓިކް ބްރޯންޒެވެ. ދެ ކުލައިގެ ފޯނު ވެސް އެއްކޮށް ހުޅުވައިލުމުން ސްކްރީނުގައި އިންނާނީ ކުރިން ވެސް ނެރުނު ފަތްޖެހި ފޯނުގެ ސައިޒެވެ. އެއީ 6.7 އިންޗި އެވެ. އިތުރު ފީޗާތަކުގެ ތެރޭގައި އަށް ޖީބީގެ ރޭމަކާއި 256 ޖީބީގެ ސްޓޯރޭޖް އިންނާނެ އެވެ.
ގެލެކްސީ ފްލިޕް ޒީގެ އަގަކީ 1،499.99 ޑޮލަރު (23,099.85ރ.) އެވެ.
އޮންލައިންކޮށް ފޯނު ގަނެވޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ސެމްސަންގް ވެބްސައިޓާއި އެމެޒޯނާއި ބެސްޓް ބާއި އަދި އޭޓީ އެންޑް ޓީ ހިމެނެ އެވެ. އަދި ހާއްސަ އޮފާއެއްގެ ދަށުން ސެމްސަންގް ވެބް ސައިޓުން ފޯނު ގަންނަ ނަމަ 650 ޑޮލަރާ ހަމައަށް ޑިސްކައުންޓެއް ވަކި މުއްދަތަކަށް ލިބޭނެ އެވެ. އެއަށް އެޕްލައިކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.