ކޮވިޑް-19: ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާ އިން ގަންނަނީ
ކޮވިޑް-19: ވެކްސިންގެ 100 މިލިއަން ޑޯޒް އެމެރިކާ އިން ގަންނަނީ

ވޮޝިންޓަން (ޖުލައި 23) - ޖަރުމަނުގެ ކުންފުންޏަކުން އުފައްދާ ކޮރޯނާވައިރަހުގެ ވެކްސިންގެ 100 މިލިއަން ޑޯޒް ގަތުމަށް ދެ ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާ އިން އެއްބަސްވެއްޖެ އެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާ ގުޅިގެން ކޮރޯނާވައިރަހަށް ވެކްސިން އުފައްދާ ޖަރުމަނުގެ ބިއޯންޓެކް އިން ބުނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވައުދުވެވަޑައިގެންފައިވާ ގޮތަށް އެމެރިކާގެ ރައްޔިތުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ހިލޭ ފޯރުކޮށްދޭ ވަރު ކޮށްދޭނެ ކަމަށެވެ.

ބިއޯންޓެކާ އެކު އެމެރިކާ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިން އުފެއްދުމުގެ ހުއްދަ ލިބުމާ އެކު ބިއޯންޓެކުން 100 މިލިއަން ޑޯޒު އެމެރިކާ އަށް ފޯރުކޮށްދޭން ޖެހޭނެ އެވެ. އަދި އިތުރު 500 މިލިއަން ޑޯޒް އެމެރިކާ އިން ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ބިއޯންޓެކުން ބުނެ އެވެ.

މި ގަރުނުގައި ދުނިޔެ އަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާ އިން ސަލާމަތްވުމަށްޓަކައި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ ލެބުތަކުން އަންނަނީ ކުރަމުންނެވެ. ބައެއް ވެކްސިންތައް މިހާރު ވަނީ އިންސާނުން ބޭނުންކޮށްގެން ޓެސްޓް ކުރުމުގެ ތިން ވަނަ މަރުހަލާގަ އެވެ.

ބިއޯންޓެކް އާއި ފައިޒާ އިން މިހާރު ވަނީ 30،000 ވޮލަންޓިއަރުން ބޭނުންކޮށްގެން ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާ ފަށަން ތައްޔާރުވެފަ އެވެ. ފަހު މަރުހަލާގެ ނަތީޖާ ރަނގަޅުވެ އަދި ވެކްސިން އުފެއްދުމުގެ ހުއްދަ ލިބިއްޖެ ނަމަ ދެ ކުންފުނިން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން 100 މިލިއަން ޑޯޒް އުފެއްދުމަށެވެ. އަދި އަންނަ އަހަރު ނިމުމުގެ ކުރިން 1.3 ބިލިއަން ޑޯޒް އުފެއްދޭނެ ކަމަށް އުއްމީދު ކުރެ އެވެ.

ބިއޯންޓެކުގެ ތަރުޖަމާނަކު ވިދާޅުވީ ވައިރަހުން ފުރިހަމަ ގޮތުގައި ރައްކާތެރިވުމަށް ދެ އިންޖެކްޝަން ޖަހަން ޖެހޭނެ ކަމަށެވެ. ފުރަތަމަ އިންޖެކްޝަން ދޭތާ ހަތް ދުވަސް ފަހުން ބޫސްޓާ ޝޮޓެއް ދޭން ޖެހޭނެ އެވެ.

އެމެރިކާ ސަރުކާރުން ދެއްކި ފައިސާގެ އަދަދަށް ބަލާއިރު ވެކްސިން ދޭން ޖެހޭ ކޮންމެ މީހަކަށް 39 ޑޮލަރު ޖެހެ އެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާ ވެކްސިން ވެސް ކާމިޔާބު ކަމަށް ވަނީ ބުނެފަ އެވެ. އޮކްސްފޯޑުގެ ވެކްސިންގެ އަގަކީ ޔުނިޓެއް 2.90 ޑޮލަރެވެ.

ކޮރޯނާވައިރަހަށް މުޅި ދުނިޔެ އިން ވަނީ 15,380,140 މީހުން ޕޮޒިޓިވްވެ 630,343 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 9,355,528 މީހުންނެވެ.