"ދެ ފަހަރަށް އުފަންވި" ކުއްޖެއް
"ދެ ފަހަރަށް އުފަންވި" ކުއްޖެއް

އެމެރިކާގެ ޓެކްސަސްގައި އުޅޭ މާގްރެޓް ބެއިމާގެ ބަނޑަށް 23 ހަފުތާގައި އޭނާގެ ބަނޑުގައިވާ ދަރިފުޅު ނަގަން ޖެހުނެވެ. މާގްރެޓްގެ ދަރިފުޅު ނަގަން ޖެހުނީ ދަރިފުޅުގެ ހަށިގަނޑުގައި ނުރައްކާތެރި ޓިއުމަރެއް އިންކަން އެނގުމުން އެ ނޫން ގޮތެއް ނެތިގެންނެވެ. އެކަމަކު ޑޮކްޓަރުން ކުރި 20 މިނެޓްގެ ސާޖަރީ އަށް ފަހު މާގްރެޓްގެ ރަހިމުގެ ތެރެއަށް ދަރިފުޅު ލައި ފެހީ އެވެ. އަލުން ނެގީ ދުވަސްފުރެންދެން ބޭއްވުމަށް ފަހު އެވެ.

"ދެ ފަހަރަށް އުފަންވި" ކުއްޖެއް
"ދެ ފަހަރަށް އުފަންވި" ކުއްޖެއް

ލިންލީގެ ނަން ދީފައިވާ ކުއްޖާ އެންމެ ފުރަތަމަ ބަނޑުން ނެގި އިރު ބަރުދަނުގައި 500 ގްރާމް ވެސް ހަމަ ނުވެ އެވެ. އޭނާގެ ހަށިގަނޑުން ނެގި ޓިއުމަރުގެ ބަރުދަން ވެސް ކުއްޖާގެ ބަރުދަނާ ދާދި އެއްވަރެވެ.

ޕީޕަލް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ކުއްޖާގެ މަންމަ މާގްރެޓް ބުނެފައި ވަނީ މި އިމަޖެންސީ ސާޖަރީ ހަދަން ޖެހުމުން އެކަމާ އިތުރަށް ވިސްނަން ވެސް ބޭނުން ނުވި ކަމަށެވެ.

"އަހަންނަށް އެނގޭ މިއީ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަން،" މާގްރެޓް ބުންޏެވެ.

ކުޑަ އަންހެން ދެ ކުދިންގެ މަންމައެއް ކަމަށްވާ މާގްރެޓް ބުނެފައިވާ ގޮތުގައި ބަނޑުގައި އޮތް ދަރިފުޅުގެ ޅިނދުމަތީގައި، އާދަޔާ ހިލާފު ޓިއުމަރެއް އިންކަން އެނގުނީ ބަނޑަށް 16 ހަފުތާގައި ހެދި އަލްޓްރާސައުންޑް ސްކޭނަކުންނެވެ. މީގެ ޓިއުމަރު އުފެދުމުގެ ފުރުސަތު އޮންނަނީ ބަލިވެ އިންނަ ކޮންމެ 40،000 ފަހަރަކުން އެއް ފަހަރު އެވެ.

ޓެކްސަސް ޗިލްރެންސް ހޮސްޕިޓަލްގެ ޑޮކްޓަރުންނާ މަޝްވަރާކުރުމުން ލަފާ ދިނީ ދަރިފުޅު އުފަންވުމުގެ ކުރިން ސާޖަރީ ހެދުމަށެވެ. އެއީ އުފަންވާއިރު ހުންނަ އައިބުތައް ފިލުވަން ކުރާ، އުނދަގޫ ސާޖަރީއެކެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ޓިއުމަރު ބޮޑުވަމުންދާ ގޮތް ބެލުމަށް ކޮންމެ ދެ ހަފުތާއަކުން ސްކޭން ހަދަމުން ދިޔަ އެވެ. އަދި 23 ހަފުތާ ވީއިރު ޑޮކްޓަރުން އިންޒާރު ދިނީ ދަރިފުޅުގެ ޓިމަރުގެ ސަބަބުން ހިތަށް ވެސް ގެއްލުންވެ ހިތް ހުއްޓިދާނެ ކަމަށެވެ. ސާޖަރީ ހެދުން ނޫން އެހެން އެއްވެސް ގޮތެއް ނެތުނީ އެވެ. ދަރިފުޅާއި މައި މީހާގެ ފުރާނަ ވެސް ނުރައްކަލަށް ހުށަހެޅުނީ އެވެ.

ސާޖަރީގައި އިސްކޮށް ހުންނެވީ ޓެކްސަސް ޗިލްރެންސް ފީޓަލް ފީޓަލް ސެންޓަރުގެ ކުޑަކުދިންގެ އޮޕަރޭޝަންތަކާ ގުޅޭ ހާއްސަ ޑޮކްޓަރު އޮލުޔިންކާ އޮލުޓޯޔޭ އެވެ.

އުނދަގޫ ސާޖަރީއަށް ފަހު މާގްރެޓަށް އޭނާގެ ދަރިފުޅު އިތުރު 12 ހަފުތާ ވަންދެން ބަނޑުގައި ބޭއްވުނެވެ. ޖޫން ހަ ވަނަ ދުވަހު 36 ހަފުތާއާ ފަސް ދުވަސްވީ ފަހުން ދަރިފުޅު ނެގި އެވެ. އެންމެ ފުރަތަމަ ބަނޑުން ނެގި އިރު ބައި ކިލޯ ހަމަނުވެ އޮތް ދަރިފުޅުގެ ބަރުދަނުގައި 2.26 ކިލޯގްރާމް ހުއްޓެވެ.

"ދަރިފުޅު ހެދި ބޮޑުވާން ވަގުތު ލިބި ހިތް ފުރިހަމަވާން ވެސް ވަގުތު ލިބުނު،" ކޮންމެ ނުރައްކަލަކާ ކުރިމަތިލައިގެން ވިޔަސް ދަރިފުޅު ސަލާމަތްކުރަން އަޒުމު ކަނޑައެޅި މަންމަ ބުނެފައިވެ އެވެ.

ދަރިފުޅު ލިންލީގެ އުމުރުން އެންމެ 8 ދުވަހުގެ ދެ ވަނަ ސާޖަރީއެއް ކޮށް، ޓިއުމަރުގެ ބާކީ ބައި ވެސް ނެގި އެވެ. ޖެހިގެން އައި 24 ދުވަހު ލިންލީ އޮތީ އައިސީޔޫގަ އެވެ.

ސިއްހީ ގޮތުން ކުރިމަތިވި ނާދިރު އަދި އާދަޔާ ޚިލާފް ކަންކަމަށް ފަހު ލިންލީ އަދި ފެންނަނީ ހަމަ އާދައިގެ ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނަ ތަނެވެ. އެކަމަކު ސިއްހީ އިތުރު މައްސަލައެއް ކުރިމަތިވޭތޯ ވަރަށް ފަރުވާތެރިކަމާ އެކު އަންނަނީ ބަލަމުންނެވެ.