24 ޖުލައި 2020 - 09:09

ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯން އަލުން ފިލްމަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ދެ ތަރިން އެކީގައި ފެންނާނެ ކަމަށް ބެލެވޭ އާ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް، ޑައިރެކްޓަރު ސިދާތު އާނަންދު ހަދާ ފިލްމެކެވެ. ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު "ވޯ" ގެނެސްދިން ސިދާތުގެ އާ ފިލްމުގެ ތަރިންނަކީ ޝާހްރުކާއި އާލިއާ ބަޓެވެ. އަދި މި ފިލްމަކީ ވައިއާރްއެފަށް 50 އަހަރު ފާހަގަކުރަން ކުރިއަށް ގެންދާ ޕްރޮގްރާމަށް ހާއްސަ ފިލްމެއް ކަމަށްވެ އެވެ.
ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާ ކުންފުންޏަށް 50 އަހަރު ފުރުނީ މި އަހަރު އެވެ. އެކަމާ ދިމާކޮށް ކުރިން މި އަހަރު ވަރަށް ހާއްސަ ކަންތައްތަކެއް ކުރަން ރޭވި ނަމަވެސް ކޮވިޑް-19 އާ ހެދި އަންނަ އަހަރަށް ޕްލޭންތައް ވަނީ ފަސްކޮށްފަ އެވެ.
ޝާހްރުކާއި ދީޕިކާ އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ 2014 ގެ "ހެޕީ ނިއު އިޔާ" އެވެ. ދެހާސް ހަތެއްގެ "އޯމް ޝާންތީ އޯމް" އިން ޝާހްރުކާ އެކީ ބޮލީވުޑަށް ތައާރަފުވި ދީޕިކާ އާއި ޝާހްރުކް އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި 2013 ގެ "ޗެންނައި އެކްސްޕްރެސް" ވެސް ހިމެނެ އެވެ.
ދެ ތަރިންގެ ޖޯޑު އަލުން ފެންނާނެ ކަމަށް ބުނާ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އަދި ކަށަވަރެއްނުވެ އެވެ.
ޑައިރެކްޓަރު ސަންޖޭ ގުޕްތާ "ޝޫޓްއައުޓް" ގެ ނަމުގައި ގެނެސްދެމުން އަންނަ ސީރީޒްގެ ތިން ވަނަ ފިލްމުގެ ސްކްރިޕްޓް ނިންމާލައިފި އެވެ.
މީޑިއާތަކުން ބުނީ ތިން ވަނަ ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ "ދަ ޑާޓީ ޕިކްޗާ" އާއި "ބާދުޝާހޯ" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ވެސް ލިޔުނު ރަޖަތު އަރޯރާ ކަމަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި މި ފަހަރު ފިލްމުގެ ނަމަކީ "ޝޫޓްއައުޓް އެޓް 3: ދަ ގޭންގް ވޯސް އޮފް މުމްބާއީ" އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ "ޝޫޓްއައުޓް" ސީރީޒްގެ ފުރަތަމަ ފިލްމު "ޝޫޓްއައުޓް އެޓް ލޯކަންދްވާލާ" ގެނެސްދިނީ 2007 ގަ އެވެ. އަދި "ޝޫޓްއައުޓް އެޓް ވަޑާލާ" ގެނެސްދިނީ 2013 ގަ އެވެ.
ތިން ވަނަ ފިލްމުގެ މަސައްކަތް ފަށާނީ ސަންޖޭގެ ކުރިއަށް އޮތް ފިލްމު "މުމްބާއީ ސާގާ" ރިލީޒްކުރުމަށް ފަހު އެވެ.
ސާގިބް ސަލީމާއި ޝްވޭތާ ބާސޫ ޕްރަސާދު "ކޮމެޑީ ކަޕްލް" ކިޔާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މި ރޮމޭންޓިކް ކޮމެޑީ އަކީ ޔޫޑްލީ ފިލްމްސް އިން ޕްރޮޑިއުސްކޮށް، ނަޝިކެތު ސަމަތު ޑައިރެކްޓްކުރާ ފިލްމެކެވެ. "ކޮމެޑީ ކަޕްލް" އާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު، މި ފިލްމު ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ ޒީ5 އިންނެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއްނުކުރެ އެވެ.
ބަތަލާ ހުމާ ގްރޭޝީފެ ކޮއްކޮ ސާގިބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރަންވީރު ސިންގްގެ "83" ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2018 ގައިު ރިލީޒްކުރި ސަލްމާން ޚާންގެ "ރޭސް 3" އިންނެވެ.
މި މަހުގެ 31 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ވިދިޔާ ބާލަންގެ ފިލްމު "ޝަކުންތަލާ ދޭވީ" ގެ ލަވަތައް އާންމުކޮށްފި އެވެ.
ޖުމްލަ ހަތަރު ލަވަ ހިމެނޭ ފިލްމުގައި ހިމެނޭ ލަވަތަކަކީ "ޕާސް ނެހީ ތޯ ފެއިލް ނެހީ" އާއި "ރާނީ ހިންދުސްތާނީ" އާއި "ޕަހޭލީ" ގެ އިތުރުން "ޖިލްމިލް ޕިޔާ" އެވެ. މި ލަވަތައް ކިޔާފައިވާ ފަންނާނުންގެ ތެރޭގައި ޝްރެޔާ ގޯޝަލާއި ބެނީ ދަޔާލާއި ސުނީދީ ޗޯހަންގެ އިތުރުން މޮނާލީ ތާކޫރެވެ.
"ޝަކުންތަލާ ދޭވީ" އަކީ ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި އިންޑިއާގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާގެ ވާހަކަ ކިޔައިދޭ ބައޯޕިކެކެވެ. ވިދިޔާ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމުގެ ކާސްޓުންގެ ތެރޭގައި އަމިތު ސާދާއި ސާނިއާ މަލްއުތުރާ ހިމެނެ އެވެ.