23 އޮކްޓޯބަރ 2016 - 14:13

ބުރުނާއިދާރުއްސަލާމުގެ ޔުނިވާސިޓީއަކާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ބުރުނާއީދާރުއްސަލާމް ޔުނިވާސިޓީގެ ރެކްޓަރު ޑރ. ހާޖީ ނޫރް އަރްފާން ވަނީ ސޮއިކުރައްވައިފަ އެވެ.
މި އެއްބަސްވުމުގެ ތެރޭގައި ޕޯސްޓްގްރެޖުއޭޓް ދަރިވަރުން ތައުލީމް ހާސިލްކުރުމަށާއި ކޯހާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ދެ ޔުނިވާސިޓީ ދެމެދުގައި ދަރިވަރުން ބަދަލުކުރުމާއި ދެ ޔުނިވާސިޓީ ގުޅިގެން ރިސާޗާއި ތަރައްގީކުރުމުގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ. މީގެ އިތުރުން ބޭނުންތެރި ދާއިރާތަކުން އިލްމީ ޕްރޮގްރާމްތައް ހިންގުން ހިމެނޭ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.
އެ އެއްބަސްވުމުގެ ސަބަބުން ދެ ޔުނިވާސިޓީގެ ދަރިވަރުންނާއި ޔުނިވާސިޓީ އަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ބުރުނާއީދާރުއްސަލާމް ޔުނިވާސިޓީގެ ގްރެޖުއޭޝަންގައި ބައިވެރިވަޑައިގަތުމަށް ޑރ. ޝަހީމް އެ ގައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުުރުގެ ތެރޭގަ އެވެ.