22 ޖުލައި 2020 - 15:02

ފަސް ގައުމަކަށް ރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށް ފަސް ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އެއީ އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބު ކަމަށް ގ. ފަރުކަނި، ޑރ. އަހުމަދު އާސިމް، ބަންގަލްދޭޝް އަށް ކަނޑައަޅާ ސަފީރު ކަމަށް މ. ޒީނާ، ޝިރުޒިމަތު ސަމީރު، ޕާކިސްތާނަށް ކަނޑައަޅާ ސަފީރު ކަމަށް ގ. ޗޭނުގޭ، ފަރުޒާނާ ޒާހިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރު ކަމަށް ހ. މިސްޓީލޮޖް، އައިިމިނަތު ޝަބީނާ، އިންޑިއާ އަށް ކަނޑައަޅާ ސަފީރު ކަމަށް ހ. ނިޔާސާ ޑރ. ހުސައިން ނިޔާޒެވެ.
އެ ބޭފުޅުން އެ ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތަކަށް ރުހުން ދޭން ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.
ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ނިންމުމާ އެއްގޮތަށް، އެ ފަސް ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުން މިއަދު ފާސްކުރީ 70 މެމްބަރުންގެ ވޯޓުންނެވެ.
ޑރ. އާސިމް، ދާއިމީ މަންދޫބުގެ މަގާމަށް އައްޔަންކުރީ ސްވިޒަލެންޑަށް ރާއްޖެ އިން ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރާ ގޮތަށެވެ. ޑރ. ނިޔާޒަށް ރުހުން ދިނީ ނޭޕާލާއި ބޫޓާނުގެ އިތުރުން އަފްޣާނިސްތާނަށް ކަނޑައަޅާ ނަން ރެސިޑެންޓް ސަފީރު ކަމަށް ވެސް އައްޔަންކުރާ ގޮތަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ފަސް ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމާ އެކު، ރާއްޖެ އިން ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ އަދަދު ހަމަހަމަވީ ކަމަށެވެ. އެހެންވެ، މިއީ ވަރަށް ތާރީޚީ ދުވަހެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.