ޕްރަބާސްގެ ފިލްމަށް ދީޕިކާ ސޮއިކުރީ 20 ކްރޯޑް ރުޕީސް އަށް
ޕްރަބާސްގެ ފިލްމަށް ދީޕިކާ ސޮއިކުރީ 20 ކްރޯޑް ރުޕީސް އަށް

މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސްއާ އެކު ކުޅެން ބޮލީވުޑްގެ ބަތަލާ ދީޕިކާ ސޮއިކުރި ފިލްމަށް އޭނާ އެއްބަސްވީ 20 ކްރޯޑް ރުޕީސް އަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަށް ދީޕިކާ ސޮއިކުރުމުގެ ކުރިން އެންމެ ބޮޑަށް އެރި އެއް އަޑަކީ އޭނާ ކިޔާ އަގުބޮޑުކަމުން ދެވަނަ ވިސްނުމަކަށް ދާން، އެ ފިލްމު ހަދާ ޓީމުން އުޅުނު ވާހަކަ އެވެ. ނަމަވެސް ނަގް އަޝްވިން ޑައިރެކްޓްކުރާ ފިލްމަށް ދީޕިކާ ސޮއިކުރިކަން ކަށަވަރުކޮށް ދީފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ނަން އަދި އިއުލާންނުކުރާ މި ފިލްމުން ދީޕިކާ އަށް 20 ކްރޯޑް ރުޕީސް (ތިން މިލިއަން ޑޮލަރު) ލިބުނު ކަމަށް ބުނާ އިރު، މި ފިލްމުވެގެންދާނީ އޭނާ މިހާތަނަށް އެންމެ ބޮޑު އަގަކަށް އެއްބަސްވި ފިލްމަށެވެ. މީގެ ކުރިން ދީޕިކާ އެންމެ ބޮޑު އަގަކަށް ކުޅުނު ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2018 ގައި ގެނެސްދިން "ޕަދުމާވަތު" އެވެ. އެ ފިލްމުން އޭނާ އަށް ލިބުނީ ދެ ބަތަލުންނަށް ވުރެ ވެސް ބޮޑު އަގެކެވެ. އެއީ 13 ކްރޯޑް ރުޕީސް (1.7 މިލިއަން ޑޮލަރު) އެވެ. "ޕަދުމާވަތު" އިން ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އަށް 11 ކްރޯޑް ރުޕީސް (1.4 މިލިއަން ޑޮލަރު) ލިބުނު އިރު، ޝާހިދު ކަޕޫރަށް ލިބުނީ 8 ކްރޯޑް ރުޕީސް (1.1 މިލިއަން ޑޮލަރު) އެވެ.

ދީޕިކާ އަކީ މި ވަގުތު ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބޭ އެކެކެވެ.

މީޑިއާތަކުން ބުނީ އަޝްވިންގެ ފިލްމަށް ޕްރަބާސް ސޮއިކުރީ 50 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) އަށް ކަމަށެވެ.

އިންޑިއާގެ ފިލްމީ ތަރިންގެ އާމްދަނީގެ ފަރަގަށް ބަލާ އިރު އަބަދު ވެސް ބަތަލާއިންނަށް ވުރެ އެތައް ގުނަ ބޮޑު އަގެއް ބަތަލުންނަށް ލިބެ އެވެ.

ޕްރަބާސް އާއި ދީޕިކާގެ ޖޯޑު އަލަށް ސްކްރީނަށް ގެންނަން އުޅޭ ފިލްމު އިއުލާންކުރި ނަމަވެސް މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެެއްނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުން މިއީ ހިޔާލީ ތިން ވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެއް ކިޔައިދޭ ސައިންސް ފިކްޝަން ފިލްމެކެވެ.