22 ޖުލައި 2020 - 14:35

ވޮޝިންޓަން (ޖުލައި 22) - ކޮވިޑް-19 އަށް ވެކްސިން އުފައްދާ ލެބްތަކުން ޗައިނާ އިން ސްޕޮންސާކޮށްފައިވާ މީހުން ހެކްކުރާ ކަމަށާއި އެފަދަ ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފި އެވެ.
ކޮރޯނާވައިރަހުގެ ރިސާޗް ކުރާ އެމެރިކާގެ ކުންފުނިތަކުން ޖާސޫސްކުރި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައި ވަނީ ޗައިނާގެ ދެ މީހަކަށެވެ. އެއީ އިލެކްޓްރިކަލް އިންޖިނޭރިން ދަރިވަރުން ކަމަށްވާ ލި ޒިއައޮޔޫ އާއި ޑޮން ޖިއަޒީ އެވެ.
ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އެ ދެ މީހުން ވަނީ ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމުގެ ދިރާސާކުރަމުން ދިޔަ މެސަޗޫސެޓްސްގެ ބަޔޯޓެކް ކުންފުންޏަކަށް ޖާސޫސްކޮށްފައި ކަމަށެވެ. ކޮވިޑް-19 ގެ ދިރާސާތަކެއް ކުރާ ކަމަށް މެރީލޭންޑުގެ ކުންފުންޏަކުން ބުނިތާ ހަފުތާއެއް ފަހުން އެ ކުންފުނީގެ މައުލޫމާތު އެ ދެ މީހުން ހެކްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެ މީހުންނަށް ޗައިނާގެ އިންޓަލިޖެންޓް އެޖެންޓުގެ އެހީތެރިކަން ލިބޭ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވާ ގޮތުގައި އެ ދެ މީހުން ވަނީ 2009 ވަނަ އަހަރުން ފެށިގެން އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނަގައިފަ އެވެ.
އިނގިރޭސި ވިލާތް، އެމެރިކާ އަދި ކެނެޑާ އިން މިދިޔަ ހަފުތާގައި ވަނީ ކޮވިޑް-19 ގެ ވެކްސިންގެ ތަހުލީލުތައް ރަޝިޔާ އިން ވަގަށް ނަގާ ކަމަށް ތުހުމަތުކޮށްފަ އެވެ.