22 ޖުލައި 2020 - 14:14

ޕާސްޕޯޓަށް އެދި މާދަމާ އިން ފެށިގެން ހުށަހެޅޭނީ އެކަމަށް ހާއްސަ އޮންލައިން ޕޯޓަލް "އިމުގާ" ބޭނުންކޮށްގެން އެކަނި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
އެ އިދާރާ އިން ކުރި އިއުލާނެއްގައި ބުނީ، މި ބަދަލާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވެސް އަދި އިމިގްރޭޝަން ގޮސްގެން ވެސް ޕާސްޕޯޓަށް އެދޭ ފޯމު ދެން ބަލައިނުގަންނާނެ ކަމަށެވެ.
އިމިގްރޭޝަންގެ އޮފީހަށް ގޮސްގެންނާއި ޕާސްޕޯޓަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ހިދުމަތް މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިމިގްރޭޝަނުން ދިނެވެ. ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުގެ އޮފީސްތައް މިދިޔަ މާޗް މަހުގެ ފަހުކޮޅުން ފެށިގެން ތިން މަހެއްހާ ދުވަހަށް ބަންދުކުރުމުން، ޕާސްޕޯޓަށް އެދި ހުށަހަޅަން ޖެހުނީ ހަމައެކަނި އީމެއިލް މެދުވެރިކޮށެވެ.
އެކަމަކު، "އިމުގާ" ޕޯޓަލްގެ ހިދުމަތް ތައާރަފްކުރުމުން، އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ދެން ބަލައި ނުގަންނާނެ ކަމަށް އިިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިސަރު މިފްތާހު މުހައްމަދު މިއަދު ވިދާޅުވީ، "އިމުގާ" ޕޯޓަލް ބޭނުންކުރުމުން ގިނަ ފަސޭހަތަކެއް ވާނެ ކަމަށެވެ. ޕާސްޕޯޓު އެދި ހުށަހަޅާއިރު ކަންތައް ކުރަންވާ ގޮތުގެ އިރުޝާދު އެ ޕޯޓަލްގައި ހިމެނޭނެ އެވެ. ފައިސާ ދެއްކުމުގެ ކަންތައްތަކަށް ވެސް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް މިފްތާހު ވިދާޅުވި އެވެ.
"ބީއެމްއެލް މެދުވެރިކޮށް ޕާސްޕޯޓަށް ފައިސާ ދެއްކޭނެ، އިމުގާ ބޭނުންކުރާ އިރު. އެކަމަށް ބޭނުންވާ ސްޓޭމްޕަށް ވެސް ފައިސާ ދެއްކޭނެ،" މިފްތާހު ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މި ހާލަތު ރަނގަޅުވުމުން އެ އިދާރާ އަށް ގޮސް ޕާސްޕޯޓަށް ހުށަހެޅޭނެ އުސޫލު ބަދަލުކުރުމާ މެދު ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އިމިގްރޭޝަންގެ ގިނަ ހިދުމަތްތަކެއް ފަސޭހައިން ލިބޭނެ ގޮތް އެ އިދާރާ އިން ހަމަޖެއްސި އެވެ. އޭގެ ތެރޭގައި ލޮކްޑައުންގެ މުއްދަތުގައި ވީސާ ފީ ނުދެއްކުނު ނަމަ ނުވަތަ މުއްދަތު ހަމަވި ނަމަ ޖޫރިމަނާ ނުނެގުމާއި ގިނަ ހިދުމަތްތަކެއް އޮންލައިންކުރުން ހިމެނެ އެވެ.