ޕީޕީއެމް ހިންގުން ރައީސް ޔާމީނާއި ހަވާލުކުރި މައްސަލައިގެ ހުުކުމް ހައި ކޯޓުން މިއަދު އިއްވަނީ
ޕީޕީއެމް ހިންގުން ރައީސް ޔާމީނާއި ހަވާލުކުރި މައްސަލައިގެ ހުުކުމް ހައި ކޯޓުން މިއަދު އިއްވަނީ

ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ހައި ކޯޓުން މިއަދު އިއްވަން ހަމަޖައްސައިފި އެވެ.

ހުކުމް އިއްވުމުގެ ޝަރީއަތް އޮންނާނީ ހަވީރު 3:45 ގަ އެވެ.

ޕީޕީއެމް ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި، ޕާޓީ ދެ ބައިވެފައި ވަނިކޮށް ރައީސް ޔާމީނާ ޕާޓީ ހިންގުން ހަވާލުކޮށް ސިވިލް ކޯޓުން ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ދެ މެމްބަރަކު ހުށަހެޅި މައްސަލައެއްގަ އެވެ. ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ މައްސަލާގައި ކުރި ހުކުމް އިސްތިއުނާފްކުރީ ޕީޕީއެމްގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރެވެ.

އެ މައްސަލައިގެ އަޑުއެހުންތައް އިއްޔެ ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައިވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަނީ ހުކުމް ކުރުން ކަމަށެވެ.

އެ މައްސަލައިގެ ތެރެއަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީޕީއެމް ތަދައްޚުލް ވެފައިވާއިރު މައުމޫންގެ ފަރާތްޕުޅުން ބުނަމުންދަނީ އެ ހުކުމް ގޯސް ކަމަށާއި ރައީސް ޔާމީނަކީ ޕާޓީ ހިންގުމުގެ ދައުރު އަދާ ކުރެއްވޭނެ ބޭފުޅެއް ނޫން ކަމަށެވެ.

ޕީޕީއެމް ހިންގުމުގެ ބާރުތައް ދަށު ކޯޓުން ރައީސް ޔާމީނަށް ދިނީ އެއީ ޕީޕީއެމްގެ މުސްތަޝާރަށް ވުމުންނެވެ. އެކަމަކު ޕީޕީއެމްގެ އަސާސީ ގަވާއިދުގައި މުސްތަޝާރަކީ ހަމައެކަނި ރަމްޒީ މަގާމެކެވެ. ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އަދި ޕާޓީގެ ސިޔާސަތު ކަނޑައެޅުމުގެ އެއްވެސް ޒިންމާއެއް ވެސް މުސްތަޝާރަށް ދީފައެއް ނުވެ އެވެ.

މައުމޫންގެ ވަކީލުން ހައި ކޯޓުގައި އެކަން ފާހަގަކުރެއްވުމުގެ އިތުރުން، މުސްތަޝާރަށް ބާރުތައް ނުދީ، އެކަން ހަވާލުކުރެވޭނެ އެހެން މަގާމުތައް ހުރި ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން އައްބާސް ކިޔާ މީހަކު ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރީ މައުމޫނަށް އެ ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ވެސް ވަކީލުން ބުންޏެވެ. އެކަމަކު އެ މައްސަލާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ހައި ކޯޓުގެ ބެންޗުން މައުމޫންގެ ވަކީލުންނަށް ދީފައެއް ނުވެ އެވެ.

ދަށު ކޯޓުގެ ހުކުމާ އެކު، ޕީޕީއެމް ތެރޭގައި ދެ ފެކްޝަނާއި ދެ ކައުންސިލެއް ވެސް ވަނީ އުފެދިފަ އެވެ. ކޮންމެ ފެކްޝަނަކުން ވެސް ދަނީ އަނެއް ފެކްޝަނުން ނިންމާ ނިންމުންތަކާ ދެކޮޅަށް އެހެން ނިންމުންތައް ނިންމައި، މަގާމުތަކަށް މީހުން ވެސް އައްޔަން ކުރަމުންނެވެ.