22 ޖުލައި 2020 - 11:24

ވޮޝިންޓަން (ޖުލައި 22) - އެމެރިކާގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުގެ ކުރިން، އަދިވެސް އިތުރަށް ގޯސްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ވިދާޅުވެއްޖެ އެވެ.
މާސްކް އެޅުމާ ކުރިން ދެކޮޅު ހައްދަވަމުން ގެންދެވި ޓްރަމްޕް، ވައިޓް ހައުސްގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، އެމެރިކާގެ ރައްޔިތުން މާސްކް އެޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މާސްކް އެޅުމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.
ކޮރޯނާވައިރަހަހާ ގުޅޭ ގޮތުން ވައިޓް ހައުސްގައި ކޮންމެ ދުވަހަކު ވެސް ބާއްވަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުންތައް އެޕްރީލް މަހުން ފެށިގެން ހުއްޓާލާފައި ވަނީ، ކޮވިޑް-19 ގެ ބަލި މީހުންނަށް ޑިސްއިންފެކްޓެންޓް ދީގެން ރަނގަޅު ކުރެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި ހިސާބުންނެވެ. އޭގެ ފަހުން ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ރޭ ވިދާޅުވީ ޕަބްލިކް ހެލްތު ޓާސްކް ފޯހުން ވެސް އިންޒާރުދީފައިވާ ގޮތަށް އެމެރިކާގައި ބަލީގެ ހާލަތު ކުރިއަށް އޮތް ތަނުގައި ގޯސްވާނެ ކަމަށެވެ.
"އަޅުގަނޑު މި އިލްތިމާސް ކުރަނީ ގައިދުރުކޮށް ނޫޅެވޭ ފަރާތްތަކުން މާސްކް އެޅުމަށް،" ޓްރަމްޕް ވިދާޅުވި އެވެ. "މާސްކް އަށް ގަޔާވިޔަސް ނުވިޔަސް، މާސްކް އެޅުމުން ފައިދާތަކެއް ކުރާނެ."
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދެއްކެވި އިރު ޓްރަމްޕް ހުންނެވީ މާސްކް އަޅުއްވައިގެން ނޫނެވެ. މާސްކް އެޅުމާ ކުރިން ދެކޮޅު ހެއްދެވުމަށް ފަހު ފަހުން ޚިޔާލު ބަދަލުވީ ކީއްވެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ ސިއްހީ ތަޖްރިބާކާރުންގެ ޚިޔާލު ވެސް ބަދަލުވާ ކަމަށެވެ.
ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ އިސް ސައެންސްވެރިޔާ ޑރ. އެންތަނީ ފައުޗީ މާޗް މަހު ވިދާޅުވަމުން ގެންދެވީ އެމެރިކާ މީހުން މާސްކް އެޅުން ކޮންމެހެން ބޭނުންތެރި ނޫން ކަމަށެވެ. ނަމަވެސް އެޕްރީލް މަހު ފަހުކޮޅުން ފެށިގެން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލުން އަންނަނީ މާސްކް އެޅުމަށް އިލްތިމާސް ކުރަމުންނެވެ. ފައުޗީ ވެސް މިހާރު ގެންދަވަނީ މާސްކް އެޅުމަކީ މަޖްބޫރު ކަމަކަށް ހެދުމަށް ބާރު އަޅުއްވަމުންނެވެ.
ޓްރަމްޕް ވިދާޅުވީ ކޮންމެވެސް ދުވަހަކުން "މި ވައިރަސް ވެސް ފިލައިގެން ހިނދައިދާނެ" ކަމަށެވެ.
އެމެރިކާ އިން ވަނީ 4,028,569 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 144,953 މީހުން މަރުވެފަ އެވެ.