22 ޖުލައި 2020 - 11:21

ޚާއްސަ ހިދުމަތެއް ދިނުމަށްޓަކައި، މާލެ އިން ދާ މީސްމީހުންނަށް ރަށްރަށުގައި ގިނަވެގެން ފަސް ދުވަހަށް ވުރެ ގިނައިން ނުހުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހުއްދަ އޮތް ނަމަވެސް، މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާތީ މާލެއިން ރަށްރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
ލޮކްޑައުން އަށް ދިން ލުއިތަކާ އެކު ދަތުރުފަތުރުގެ އުސޫލަށް ބަދަލުގެނަސް އެޗްޕީއޭ އިން ވަނީ ޚާއްސަ ޚިދުމަތެއް ދޭން ރަށްރަށަށްދާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން ރަށްރަށަށް ދެވޭނީ، ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތްތައް، ބޭންކުގެ ހިދުމަތްތައް، ވޯޓަ ސަޕްލައި، ކަރަންޓް ފަދަ ޔުޓިލިޓީ ހިދުމަތްތައް، ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ހިދުމަތްތަކާއި މެއިންޓެނެންސް މަސައްކަތްތަކުގެ އިތުރަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް މަސައްކަތްތަކުގައި ދާ މީހުންނަށެވެ.
މި ނޫން ވެސް އާންމު ހިދުމަތްތައް ދިނުމަށް ރަށްރަށަށް ދެވޭނެ އެވެ. އެޗްޕީއޭއިން ބުނީ އެފަދަ ބޭނުމަކަށް ދާ މީހުންނަށް ކަރަންޓީނާ ނުލައި ރަށެއްގައި ހުރެވޭނީ އެންމެ ގިނަވެގެން ފަސް ދުވަހަށް ކަމަށެވެ. މި ދަތުރުތަކަށް ކޮންމެ މީހަކު ވެސް ހުއްދަ އަށް އެދެން ޖެހޭނެ ކަމަށާއި ރަށަކަށް ދެވޭނީ ހުއްދައާ އެކު ކަމަށް ބުންޏެވެ.
އެޗްޕީއޭއިން ވަނީ ކުންފުންޏެއްގެ މަސައްކަތަކަށް މުވައްޒަފުން ފޮނުވާއިރު އެ މުއައްސަސާއަކުން ވެސް ބަލަން ޖެހޭ ކަންތައްތައް ބަޔާންކޮށްފަ އެވެ. އެގޮތުން ފޮނުވާ މީހާއަކީ، ކޮވިޑް-19ގެ އަލާމާތެއް ހުރި ނުވަތަ ބަލި ޖެހިފައިވާ މީހެއް ނޫން ކަން ޔަގީންކުރަން ޖެހޭނެ އެވެ. އަދި އެ މީހާ އަކީ ބައްޔަށް ޓެސްޓުކުރަން ސާމްޕަލް ނަގާފައިވާ މީހެއް ނަމަ ނަތީޖާ ނުލިބެނީސް ނުފޮނުވުމަށް ވެސް އަންގާފައި ވެއެވެ.
ހުއްދައާ އެކު ރަށްރަށަށް ދިއުމަށް ފަހު ވެސް މީހުންނާ އެކަހެރިވެ އުޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ. އަދި މަސައްކަތަށް ނިކުންނަ އިރު އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ވެސް އިލްތިމާސްކުރެ އެވެ.
ރާއްޖެއިން މިހާތަނަށް 3،044 މީހުން ޕޮޒިޓިވްވެފައިވާއިރު، ބައްޔަށް ފަރުވާދެމުންދަނީ 615 މީހުންނަށެވެ. ބަލީގައި 15 މީހުން މަރުވެ، 2،398 މީހުން ވަނީ ރަނގަޅުވެފަ އެވެ.