23 އޮކްޓޯބަރ 2016 - 12:32

އިސްލާމްއާބާދު (އޮކްޓޯބަރު 23) - އިންޑިއާގެ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތައް ޕާކިސްތާނުން މަނާކޮށްފި އެވެ.
އިންޑިއާގެ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކުގެ ހުރިހާ ކޮންޓެންޓެއް މަނާކުރި އިރު މި އަމުރާ ޚިލާފުވާ ޕާކިސްތާނުގެ ސްޓޭޝަންތައް ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
މި ނިންމުމާ ގުޅިގެން ޕާކިސްތާނުގެ ކޭބަލް އޮޕަރޭޓަރުންގެ ފާޑުކިޔުން ވަނީ އަމާޒުވާން ފަށައިފަ އެވެ. ބޮލީވުޑުގެ ފިލްމުތަކާއި ހިންދީ ޑްރާމާތައް ޕާކިސްތާނުގެ ވަރަށް ގިނަ ބަޔަކު ބަލަ އެވެ.
އިންޑިއާގެ ޓީވީ، ރޭޑިއޯ ޕްރޮގްރާމްތައް ޕާކިސްތާނުގައި މަނާކުރި އިރު ދެ ގައުމުގެ ގުޅުން ވަނީ ކަޝްމީރުގެ މައްސަލާގައި ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މިދިޔަ ޖުލައި މަހުން ފެށިގެން ހޫނުވާން ފަށާފައިވާ ކަޝްމީރުގެ މަޝްރަހު އިތުރަށް ގޯސްވީ އިންޑިއާ ސިފައިން ތިބޭ މަރުކަޒަކަށް ސެޕްޓެމްބަރު މަހު ހަމަލާދީ 18 ސިފައިން މަރާލުމާ ގުޅިގެން ކަމަށެވެ. އިންޑިއާ އިން ބުނެފައި ވަނީ އެ ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާން ކަމަށެވެ.
ކަޝްމީރުގައި ދިން ހަމަލާ އަށް ފަހު ޕާކިސްތާނުގެ ބަތަލުންނާއި ބަތަލާ އިން ބޮލީވުޑް ފިލްމު އިންޑަަސްޓްރީގައި މަނާކުރުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ. ރައްދުގައި ޕާކިސްތާނުން ވަނީ އެ ގައުމުގެ ސިނަމާތަކުގައި އިންޑިއާގެ ފިލްމުތައް ދެއްކުން މަނާކޮށްފަ އެވެ.
އިންޑިއާގެ ޓީވީތައް ޕާކިސްތާނުގައި މަނާކުރުމުން ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އުމުރުން 30 އަހަރުގެ ރުބީނާ ޖޭން މުހައްމަދު ވަނީ އިންޑިއާގެ ޑްރާމާތައް ނުބަލާ މުނިފޫހިފިލުވުމަށް ދެން ކުރާނީ ކޮން ކަމެއްތޯ ސުވާލު ކޮށްފަ އެވެ.
"އަހަރެމެންނަށް ބޭރަކަށް ނުދެވޭ. އަހަރެމެން ބޭރަށް ދިއުމަށް އާއިލާގެ ފިރިހެނުން ދެކޮޅު ހަދާ. ދެން ކޮން ކަމެއް ކުރާނީ،" ރުބީނާ ބުންޏެވެ.