ބޮލީވުޑްގެ ނަން ބަދަލުކުރަން ކެމްޕޭންކުރަނީ
ބޮލީވުޑްގެ ނަން ބަދަލުކުރަން ކެމްޕޭންކުރަނީ

"ބޮލީވުޑް" މި ލަފުޒު ބޭނުންކޮށް އުޅެނީ އިންޑިއާގައި ހިންދީ ބަހުން ހަދާ ފިލްމުތަކަށެވެ. އެހެން ގޮތަކަށް ބުނާ ނަމަ "ބޮލީވުޑް" އަކީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި އޮތް ފިލްމު އިންޑަސްޓްރީ އެވެ.

އެ ދާއިރާގައި މިހާރު އުފެދި ހޫނުވަމުންދާ މައްސަލަތަކާއި ބަހުސްތަކާއި، އުފެދެމުންދާ ބައިބައިވުންތަކާއި ކޯޅުންތަކާ ގުޅިގެން "ބޮލީވުޑް" އެ ނަމާ ދެކޮޅަށް ފިލްމީ ދާއިރާގެ ތަރުޖިބާކާރު ބަޔަކު އިސްކޮށް ތިބެގެން ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. މިކަން ފަށަން ޖެހުނީ "ބޮލީވުޑް" އާއި "ނެޕޮޓިޒަމް" އާ އެކު އެ ނަމާއި "ބޮލީވުޑް މާފިއާ" އާއި "ބޮލީވުޑް ގޭންގް" ފަދަ ނަންތައް ގުޅުވާތީ އެވެ. "ބޮލީވުޑް" އުވައިލަން އެންމެ ފުރަތަމަ އަޑުއުފުލި އެކަކީ މި އަހަރުގެ ކުރީކޮޅު "ތައްޕަޅު" ގެނެސްދިން ޑައިރެކްޓަރު އަނޫވަބް ސިންހާ އެވެ.

އޭނާގެ ޓްވިޓާ އެކައުންޓްގައި ނަން މިހާރު ލިޔެފައި ވަނީ އަނޫބަވް ސިންހާ (ނޮޓް ބޮލީވުޑް) މި ގޮތަށެވެ. އަނޫބަވްގެ ފަހަތުން މި ކެމްޕޭންގައި ބައިވެރިވި މީހުންގެ ތެރޭގައި ޑައިރެކްޓަރު ސުދީރު މިޝްރާ ހިމެނެ އެވެ. މިކަމާ ގުޅުވައިގެން އޭނާ ކުރި ޓްވީޓެއްގައި ވަނީ "ބޮލީވުޑް" އަކީ ކޯއްޗެއްތޯ ސުވާލުކޮށްފަ އެވެ.

"ޗަމޭލީ" އާއި "ކޯޔާ ކޯޔާ ޗާންދު" އަދި "ޔޭ ސާލީ ޒިންދަގީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުނިގޮތުގައި އޭނާ ފިލްމީ ދާއިރާ އަށް ނުކުތީ އިންޑިއާގެ ސިނަމާގެ ވަރުގަދަ ޝަހުސިއްޔަތުންގެ ފަހަތުން ކުރިއަށް ދިއުމުގެ ނިޔަތުގަ އެވެ. އޭގެ ތެރޭގައި ކުރީގެ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ސަތިއަޖީތު ރޭ އާއި ރާޖް ކަޕޫރާއި ގުރޫ ދަތާއި ބިމާލް ރޯއި އާއި ރިޝިކޭޝް މުކަރްޖީ އާއި ކޭ އާސިފާއި ގުލްޒާރާއި ކޭތަން މެހެތާ އާއި ޝޭކަރް ކަޕޫރް ފަދަ ކުޅަދާނަ ޑައިރެކްޓަރުންގެ ނަންތައް ފާހަގަކޮށްފައިވެ އެވެ.

ސުދީރް ބުނިގޮތުގައި "ބޮލީވުޑް" އަކީ އެ މީހުން ގަބޫލުކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެ މީހުން ހިންދީ ސިނަމާ ސިފަކުރަން ބޭނުން ވަނީ "އިންޑިއަން ސިނެމާ" އަދި "އިންޑިއަން ސްޓޯރީޓެލިން" ކަމަށް ބުނެ މި ކެމްޕޭނުގައި ބައިވެރިވުމަށް ޑައިރެކްޓަރު އަނޫރާގް ކެޝަޕާއި ނިކިލް އަދުވާނީ އާއި ވިކަރްމަދަތިޔާ މޮޓްވާނޭ އާއި ރާޖްކުމާރު ހިރާނީ އަދި ހެންސަލް މެހެތާ ބައިވެރިވާން އެދި އެ މީހުން ޓެގްކޮށްފައިވެ އެވެ.

"ބޮލީވުޑް" އެ ނަމާ ދެކޮޅަށް ކެމްޕޭނެއް ފެށީ އިރު، އަމީތާބް ބައްޗަން ފަދަ އިންޑަސްޓްރީގެ ވަރުގަދަ އެކްޓަރުންނަކީ ވެސް އެ ނަމާ ދޭތެރޭ އެހާ ގަޔާވާ ބައެއް ނޫނެވެ. އަމީތާބް އަބަދު ވެސް ބުނާގޮތުގައި އޭނާ މަސައްކަތްކުރަނީ ހިންދީ ފިލްމު އިންޑަސްޓްރީގަ އެވެ.

ނަމަވެސް އިންޑިއާ މުޅި ދުނިޔޭގައި މަޝްހޫރުވުމުގެ އެއް ސަބަބަކަށް "ބޮލީވުޑް" އެ ނަން ވާނެ އެވެ. އަދި އިންޑަސްޓްރީގެ ނުފޫޒު ދުނިޔޭގައި ވަރަށް ބޮޑެވެ. އެހެންވެ "ބޮލީވުޑް" އެ ނަން ދޫކޮށްލުމަކީ ހިންދީ ސިނަމާ އިން ގެނެސްފާނެ ބަދަލެއްތޯ ސުވާލު އުފެދެ އެވެ.